Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 02:48
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
ރާއްޖެއެމްވީ
އަޙުމަދު ފާރިސް މައުމޫން
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
މެންބަރުން ތިބީ ނުފޫޒުގައި، ރައްޔިތުންނަށްޓަކާ މަސައްކަތެއް ނުކުރެވޭ
ފަހުން އުޅެފި ނަމަ މިހާރު އޮތް ވަރުގެ ފުރުޞަތެއްވެސް ނޯންނާނެ

ސަރުކާރަށް ދޫދެމުންގޮސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ތިއްބެވީ އެއްވެސް ބާރެއް ނެތިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދެވުމަށްފަހު، އެ ކަމުގައި އެންމެ އިސް ދަޢުރެއް އަދާ ކުރެއްވި ފާރިސް، ބުދަ ދުވަހުގެ ރޭ ވިދާޅުވީ، ސަރުކާރެއް އުފެދި އައުމާއި އެކު، އެ ސަރުކާރުގެ މެޖޯރިޓީ، ޤާނޫނު ހަދާ މަޖިލީހުގައި އޮތުމުން، މަޖިލީހުން ސަރުކާރަށް ފުރުޞަތު ދިނުމުގެ ގޮތުން ދޫދިން ކަމަށާއި ނަމަވެސް އެގޮތުން ދޫދެމުން ގޮސް މިއަދު މެންބަރުން ތިބީ އެއްވެސް ބާރެއް ނެތި ސަރުކާރުގެ ފުރިހަމަ ނުފޫޒުގައި ކަމަށެވެ.

"ސަރުކާރު ހިންގުމުގެ ބާރަށް، ކޮންޓްރޯލެއް ނެތި ބާރު މި ލިބެނީ، މަޖިލީހުގެ ބޮޑު އަޤުލަބިއްޔަތެއް އޮތުމުން. އަޅުގަނޑުމެން ދައުރުގެ ކުރީކޮޅު މި ބާރުތައް ދޫކޮށްލީ އިޚުލާސްތެރިކަމާ އެކީ. އަޅުގަނޑުމެންވެސް ޤަބޫލުކުރަން އާ ވެރިކަމެއް އައިމަ އެއްބާރުލުން ދޭން ޖެހޭނެ ކަން. ޓީމެއްގެ ގޮތުގަ މަސައްކަތް ކުރާއިރު ޓީމުގެ އިސްވެރިން އަންގަވާ ގޮތަށް ކަން ކުރަން ޖެހޭނެކަން. އެގޮތަށް ދޫ ދެމުން ދެމުން ގޮސް، އަލުގަނޑުމެންގެ އަތުން ހުރިހާ ބާރެއް ގެއްލުނީ. ދެން އަޅުގަނޑުމެން ފަހުން ތެދުވެ އެއްޗެއް ބުނައިރު އަޑުއަހަންވެސް ނުޖެހޭ ހިސާބުގަ މި ތިބީ އަޅުގަނޑުމެން" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ހުރިހާ މެންބަރުންވެސް މި ނުފޫޒުން ސަލާމަތް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާ، އެއީ ސަރުކާރާއި އިދިކޮޅު މެންބަރުންގެ ވެސް ހާލަތު ކަމަށެވެ. މަޖިލީހުގެ ރައީސް މަސީހުއަށް އިތުބާރު އޮތް ކަމަށް ދެއްކުމަށް މަސައްކަތް ކުރައްވާ ބޭފުޅުން، މެންބަރުންނަށް ޕްރެޝަރު ކުރައްވަމުން ގެންދަވާ ކަމަށާ، އެގޮތުން ދާއިރާއަށް ބޭނުންވާ ކަންކަމުގެ ވާހަކަ އޮޅުން ފިލުވަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ.

"ހުރިހާ މެންބަރުންވެސް ބޭނުންފުޅުވޭ މީގެން ސަލާމަތް ވެވަޑައިގަންނަވަން. ވަކި އެންމެ މެންބަރެއްވެސް އިސްތިސްނާ ނުވާގޮތަށް މި ދަންނަވަނީ. އެއީ އަޅުގަނޑުމެންގެ ޕީޕީއެމް ތެރޭގެ މެންބަރުން ކަމުގައި ވީނަމަވެސް، އެނޫން މެންބަރުން ކަމުގަ ވީނަމަވެސް، މަޖިލީހުގެ އެކި މަޤާމުތަކުގަ ތިއްބެވި ބޭފުޅުން ކަމުގަ ވީނަމަވެސް. އަޅުގަނޑުމެން އެންމެނަށް އެނގޭ ރަނގަޅަކަށް ނޫންކަން މި ކަން މި ކުރެވެނީ. އޭގެން ނުކުމެވޭނެ މަގެއް ހޯދައި ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ މިހާރު މިދާގޮތަށް ކަންކަން ދިއުމަށް ދޫކޮށްލައިފި ނަމަ، ކަންކަން އިސްލާހު ކުރުމަށް މިހާރު އޮތް ވަރުގެ ފުރުޞަތެއްވެސް ދެން ނޯންނާނެ ކަމަށެވެ.

"އަދި މަސްދުވަސް ފަހުން، އަދި ދެމަސްދުވަސް ފަހުން، މި މަސައްކަތް ކުރާއިރު އަދި މިހާރުވެސް އަޅުގަނޑުމެނަސް މިހާރު މި އޮތް ފުރުޞަތު ނޯންނާނެ" ފާރިސް ވިދާޅުވިއެވެ.

26 މެންބަރުންގެ ސޮޔާއި އެކު މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން ބޭނުންވާ އަދަދަށް ވޯޓު ލިބޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް އޮތްކަމަށް މި މައްސަލަ ހުށަހެޅި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް