އެސްޓީއޯ މާލޭ ލީގުގައި ބުރާސްފަތި ދުވަހު ހަވީރު ނިއުރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުން ނިއު އިން ކާމިޔާބުކޮށްފި އެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، ދެޓީމުން ވެސް ލަނޑުޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.
މެޗު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ. ނިއުގެ ކަނާތްފަޅިން ނުހާދު ގިނަ ހުރަސްތަކެއް ނަގާދިން ނަމަވެސް ޔޫވީގެ ޑިފެންސުންވަނީ ވަރަށް ރަނގަޅަށް އެ ބޯޅަތައް ދިފާއުކޮށްފަ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނިއު އިން ކުޅުނު ނަމަވެސް، ޔޫވީގެ ކީޕަރު ޓެސްޓު ކޮށްލެވޭ ވަރުގެ ހަމަލާއެއް ހާފްގެ ފުރަތަމަ ކޮޅުގައި އެޓީމަށް އުފެއްދިފައެއް ނުވެ އެވެ.
މިހާފް ނިމެންދަނިކޮށް ނިއުގެ ގަލާޑޯ ޔޫވީގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ޔޫވީގެ ކީޕަރު ރުސްލާންގެ އަތަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޔޫވީގެ ޑިފެންޑަރު ބީޓްކޮށް ގަލާޑޯ ފޮނުވާލި ދެވަނަ ހަމަލާވެސް ދިފާއުކުރީ ޔޫވީގެ ކީޕަރު ރުސްލާން އެވެ.
ފުރަތަމަ ހަފާ ހިލާފަށް މެޗުގެ ދެވަނަ ހާފް ނިއުއިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ދެވަނަ ހާފް ފެށިގެން 50 ވަނަ މިނެޓުގައި ނިއު އިން ވަނީ ލަނޑެއްޖަހައި ލީޑު ނަގައިފި އެވެ. އަލީ ފާސިރު (ސެންޓޭ) ތިރި ތިރީން ނަގާދިން ހުރަސް ގޯލުގެ ތެރެއަށް ވައްދާލައި މިލަނޑު ކާމިޔާބުކޮށްދިނީ ގަލާޑޯ އެވެ. މިއީ ގަލާޑޯ ސީޒަންގައި ކުޅުނު ދެމެޗުން ކާމިޔާބުކުރި ތިންވަނަ ގޯލެވެ.
މި ހާފުގައި ނިއުގެ މިޑްފީލްޑާ އޮގާވާއަށް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެން ކަމުން އެޓީމުން މިހާފުގެ ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.
ނިއުއިން މެޗުގެ ލީޑު ފުޅާކުރީ 69 ވަނަ މިނެޓުގަ އެވެ. ސެންޓޭ ނަގައިދިން ކޯނަރެއް ފަސޭހަކަމާއެކު ބޮލުން ގޯލަށް ފޮނުވާލައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކޮވިޗް ސުޓީވަން އެވެ.
މި މެޗުގައި ނިއުއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފާއިތުވި ސީޒަންގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އެވެ.
މާލޭ ލީގު ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އަދި ކްލަބު ގުރީން ސްޓްރީޓް އެވެ.