ޓީސީ ސްޕޯޓްސް ކްލަބު މިވަގުތު އޮތޯ ކޮން ފޯމެއްގައިތޯ ބެލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މެޗަށް ނުކުންނާނީ ފުރިހަމައަށް އިދިކޮޅު ޓީމަށް ދޭންވާ އިހުތިރާމާއެކު ކަމަށް ކްލަބު ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި ހުކުރު ދުވަހު ވެލެންސިޔާ އާއި ޓީސީ ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ ޓީސީއެކޭ އެއްގޮތަށް ވެލެންސިޔާ އިން ވެސް ސީޒަން ފެށީ އިންޓަނޭޝަނަލް މެޗުތަކެއް ކުޅެ އެކްސްޕީރިއެންސް ތަކަކާއެކު ކަމަށާއި އެހެން ކަމުން މި މެޗުގައި ދެޓީމަށް ވެސް ފައިދާތަކެއް ހުންނާނެ ކަމަށެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތެއްގައި ޓީސީން ވާދަކޮށް ރަނގަޅު ފޯމެއްގައި އޮތްއިރު، މި މެޗަކީ ކިހާ ވަރެއްގެ ޕްރެޝާއެއް ވެލެންސިޔާއަށް ކުރިމަތި ވެދާނެ މެޗެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފެސްކޯ ބުނީ ޓީސީން ބަންގާޅު މުބާރާތުގައި ވާދަކުރުމާއި ރާއްޖޭގައި ކުރިއަށްދާ މުބާރާތްތަކުގައި ވާދަކުރުމަކީ ތަފާތު ދެ ކަމެއް ކަމަށާއި އެހެން ކަމުން މެޗާއި ބެހޭ ގޮތުން އެއްޗެކޭ ބުނަން އެނގޭނީ ޓީސީގެ ކުޅުން ފެނުމުން ކަމަށެވެ.
ލީގުގެ ފޯރި ގަދަވެ ޓީމުތައް ވާދަވެރިވެފައިވާ އިރު، އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަން ފާހަގަކުރަމުން ފެސްކޯ ބުނީ މެޗެއްގެ ނަތީޖާއަކީ ހީވެސް ނުކުރާ ފަދަ ގޮތަކަށް ނުކުމެދާނެ އެއްޗެއް ކަމަށާއި އެހެން ކަމުން އުންމީދު ކުރަނީ މި މެޗަކީ ވެސް ބެލުންތެރިން ބަލާހިތްވާ ފަދަ ރީތި ފުޓުބޯޅައެއް ކުޅޭ މެޗަކަށް ހެދުމަށް ކަމަށެވެ.
މާލޭ ލީގުގައި ވެލެންސިޔާ އިން ވަނީ މިހާތަނަށް އެއް މެޗު ކުޅެފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުތް ގްރީން ސްޓްރީޓާ ވާދަކޮށް އެޓީމު ވަނީ 1-1 އިން މެޗު އެއްވަރުކޮށްފަ އެވެ.