ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 09:49
ޗެލްސީ އަދި ޝެފިލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޗެލްސީ އަދި ޝެފިލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޝެފިލްޑް ޔުނައިޓެޑުން ޗެލްސީ ހިފަހައްޓައިފި
ޗެލްސީ އެއްވަރުވީ ޝެފިލްޑް ޔުނައިޓެޑާ ވާދަކޮށް 2-2 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި ޝެފިލްޑް ޔުނައިޓެޑުން ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ އެއްވަރުވީ ޝެފިލްޑް ޔުނައިޓެޑާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޝެފިލްޑް ޔުނައިޓެޑްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ 19 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްރަހަމްއެވެ. މި ލަނޑަށްފަހު ވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ.

އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބުކުރީ އަބްރަހަމްއެވެ.

ފުރަތަމަ ހާފް 0-2 ގެ ލީޑަކާއެކު ޗެލްސީ ނިންމާލި ނަމަވެސް، ދެވަނަ ހާފް ފެށިގެން މިނެޓެއް ތެރޭގައި ޝެފިލްޑް ޔުނައިޓެޑުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ސްޓީވެންސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރޮބިންސަންއެވެ.

މި ހާފްގައި ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނުއިރު، ލަނޑު ޖެހުމަށް އެޓީމަށް ވަނީ ފުލުފުލުގައި ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ޝެފިލްޑް ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 89 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޗެލްސީގެ ޒޯމާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ. ޝެފިލްޑް ޔުނައިޓެޑަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ލަނޑުގެ ތަފާތުން 8 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް