Advertisement
ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 20:00
އޭސީސީގެ ރިޕޯޓް ނެރުމުގެ ރަސްމީއްޔާތުގެ ތެރެއިން
އޭސީސީގެ ރިޕޯޓް ނެރުމުގެ ރަސްމީއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އޭސީސީ
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
ކޮމިޝަނުން ހިންގި ތަޙުޤީޤުތަކާ ގުޅިގެން ދައުލަތުގެ 298 އިދާރާއަކަށް 344 މައްސަލައަކާ ގުޅިގެން ހެއްކާ ޤަރީނާ ހޯދަން 617 ފަހަރު ޒިޔާރަތްކޮށްފައިވޭ

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރި 958 މައްސަލައިގެ ތެެރެއިން 754 މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަން އޭސީސީން ބުނެފިއެވެ.

އޭސީސީން ނެރުނު އެ ކޮމިޝަންގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ކޮމިޝަނަށް 910 ޝަކުވާ ހުށަހަޅާފައި ވެއެވެ.

އެގޮތުން ބައެއް ޝަކުވާ ތަކުރާރުވެފައިވުމާ އެކު ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 55 ޝަކުވާއެއް އެހެން މައްސަލަތަކުގެ ތެރޭގައި ހިމެނިފައިވުމާ އެކު އެ ޝަކުވާތައް ނުހިމަނައި ކޮމިޝަނަށް ބަލައިގަތް މައްސަލަތަކުގެ ޢަދަދަކީ 855 ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. މީގެ ތެރޭގައި 2016 ވަނަ އަހަރު ކޮމިޝަނުން އިސްނަގައިގެން ބަލަން ކަނޑައެޅި 103 މައްސަލަ ނުހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނަށް އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބަލައިގަތް 855 މައްސަލަ އާއި ކޮމިޝަނުން އިސްނަގައިގެން އަމިއްލައަށް ބަލަން ކަނޑައެޅި 103 މައްސަލައާ އެކު 2016 ވަނަ އަހަރު ކޮމިޝަންގައި ރެޖިސްޓްރީ ކުރެވުނު މައްސަލައިގެ ޖުމްލަ ޢަދަދަކީ 958 މައްސަލައެވެ. އަދި ފުރަތަމަ މަރްޙަލާގައި ހަދާ އިވެލުއޭޝަނަށް ފަހު 2016 ވަނަ އަހަރު ތަޙްޤީޤު ކުރުމަށް ފަހު ނިންމި މައްސަލަތަކުގެ ޢަދަދަކީ 764 މައްސަލައެވެ. އަދި 149 މައްސަލައެއް ކޮމިޝަންގެ މެންޑޭޓްގައި ނުހިމެނޭތީ ނުވަތަ ހުށަހެޅިފައިވާ މައްސަލާގައި ކޮށްފައިވާ ތުހުމަތާ ގުޅިގެން ތަޙުޤީޤެއް ކުރިއަށް ގެންދެވޭވަރަށް މަޢުލޫމާތު ލިބިފައި ނުވާތީ، ނުވަތަ މައްސަލަ ހުށަހެޅީ ކޮންފަރާތަކުންކަން އެނގެން ނެތުމުން އިތުރަށް މަޢުލޫމާތު ސާފުކުރެވޭނެ ގޮތެއް ނެތަތީވެ، އެމައްސަލަތައް އިތުރަށް ކުރިއަށް ނުގެންގޮސް ދޫކޮށްލެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނު 16 މައްސަލައިގެ ތެރޭގައި 30 މީހެއްގެ މައްޗަށް ޖުމްލަ 29 ދައުވާއެއް އެދިފައި ވެއެވެ. ހަމައެހެންމެ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކޮށްދިނުމަށް އެދި އެކި އަހަރު މަތިން ކޮމިޝަނުން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ހަރުގެ ތެރޭގައި ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން އެކި ސަބަބުތަކާ އެކު 70 މައްސަލަ އަނބުރާ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައިވާ ތަފާސްހިސާބްތައް ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެންމެ ގިނަ މައްސަލަތައް ރަޖިސްޓްރީކުރެވިފައި ވަނީ ރަށު ކައުންސިލްތަކާ ގުޅޭ ގޮތުންނެވެ. ދެވަނައަށް އެންމެ ގިނަ މައްސަލަތައް ރަޖިސްޓްރީ ކުރެވިފައި ވަނީ ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭ ގޮތުންނެވެ. އަދި، ތިންވަނައަށް އެންމެ ގިނަ މައްސަލަތައް ރަޖިސްޓްރީކުރެވިފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދަށުގައިވާ އިދާރާތަކާ ގުޅޭ ގޮތުންނެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރު މާލޭގައި ކޮމިޝަނުން ހިންގި ތަޙުޤީޤުތަކާ ގުޅިގެން ދައުލަތުގެ 298 އިދާރާއަކަށް 344 މައްސަލައަކާ ގުޅިގެން ހެއްކާ ޤަރީނާ ހޯދަން 617 ފަހަރު ޒިޔާރަތްކޮށްފައި ވެއެވެ. އެކި މައްސަލަތަކާ ގުޅިގެން 2016 ވަނަ އަހަރު، މާލޭގައި 1،147 ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ތަޙުޤީޤަށް ބޭނުންވާ ބަޔާން ނެގިފައި ވެއެވެ.

މީގެ އިތުރުން އަތޮޅުތަކުން ކޮމިޝަނަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ހަތް އަތޮޅަކަށް އަށް އިންވެސްޓިގޭޝަން ޓީމު ފޮނުވުނެވެ. މައްސަލަތަކާ ގުޅޭ ގޮތުން ހޯދަންޖެހޭ ހެއްކާއި ޤަރީނާ ހޯދުމަށް ޓީމުތަކުން 72 އިދާރާއަކަށް ގޮސްފައިވާ ކަމަށާއި އަދި މި ދަތުރުތަކުގައި 151 މައްސަލައިގެ ތަޙްޤީޤު ކުރިއަށްގެންގޮސް، އެކިފަރާތްތަކުގެ 316 ތަޙްޤީޤު ބަޔާން ނަގާފައި ވެއިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް