އައްޑޫސިޓީގައި ފޯރުކޮށްދެމުން ގެންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި މިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަޒްލީން އަހުމަދާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު، އައްޑޫ ސިޓީ އަދި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ މުޙައްމަދު ޞާދިޤު ވަނީ ފުލުހުންގެ މަސައްކަތްތައް ޖުމުލަ ގޮތެއްގައި ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ވަނީ ފުލުހުންގެ ވަސީލަތްތައް އިތުރުކޮށް އައްޑޫސިޓީގައި ފޯރުކޮށްދެމުންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އައްޑޫ ސިޓީގައި އެންމެ ބޮޑުވެފައި ވަނީ ޖިނާޢީ މައްސަލަތައް ކަމަށް ވިދާޅުވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ވަނީ އެކަމަށް ހައްލު ހޯއްދެވުމަށް މިހާރު ވެސް ކުރެވެމުންދާ އަދި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ފުލުހުންކުރާ މަސައްކަތުގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް ހިއްވަރުދެއްވަމުން އަހުމަދު އަރީފު ވަނީ ކައުންސިލްގެ ފަރާތުން ވެސް ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ބަލައިގަނެ ޝުކުރުއަދާކުރައްވާފައެވެ.