ސަރުކާރުން ކުޅިވަރު ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓަރ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ޔޫތް މިނިސްޓްރީގައި އޮތް ޕްރެސް ކޮންފަރެންސްއެއް ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވީ ރާއްޖެއިން ބޭރުގައި އޮތް ރޭސިންގ މުބާރާތެއްގައި ބައިވެރިވުމަށްދިޔަ ރޭސް ޖެހުންތެރިންތަކެއް މިނިސްޓަރ އާއި ބައްދަލުކުރުމަށް އެދިފައި ވާކަމަށާއި ނަމަވެސް މިނިސްޓަރގެ ޝެޑިއުލް އޮތް ގޮތުން އެޕޮއިންޓްމެންޓް ކެންސަލް ކުރަން ޖެހުނީ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކުޅިވަރު ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، ކުޅިވަރަކީ މަޖަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި ރޭސިންގ ޓްރެކް އެއް ނެތި ގައުމީ ރޭސިންގ އެސޯސިއޭޝަނެއް ނުހެދޭނެ ކަމަށާއި ސަރުކާރުން ބަލަނީ ރާއްޖޭގައި ހުރި ވަސީލަތްތަކާއި އެކު ކުރިޔަށް ދިޔުމަށް ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ ރާއްޖޭގައި ޕްރެކްޓިސް ނުކޮށް ބޭރުގައި އޮންނަ މުބާރާތް ތަކުގައި ބައެއް ކުޅިވަރު ތަކުން ބައިވެރިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން އެހެން ވާން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި ރޭސިންގ ޓްރެކް އެއް އެޅޭތޯ މަސައްކަތް ކުރާނެކަމަށާއި ރާއްޖޭގައި ރޭސް ޖަހާ އެތްލީޓުންނާއި ބައްދަލު ކުރާނެ ކަމަށެވެ.