ރާއްޖޭގެ ރޭސް ޖެހުންތެރިން ލަންކާގައި އޮންނަ އެންމެ ބޮޑު ރޭސް މުބާރާތަށް ފުރައިިފި އެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން މާޒިން ވިދާޅުވީ ލަންކާގައި އޮންނަ ރޭސިންގ މުބާރާތަކީ ލަންކާގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތް ކަމަށާއި މި މުބާރާތުގައި ބައިވެރިވަނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ރަނގަޅު ރައިޑަރުން ކަމަށެވެ.
މާޒިން ވިދާޅުވީ 2008 އިން ފެށިގެން ރާއްޖޭގެ ރައިޑަރުން އަންނަނީ ރާއްޖެއިން ބޭރުގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވަމުން ކަމަށާއި މިހާތަނަށް ރާއްޖޭގެ ރައިޑަރުން ވަނީ ބޭރުގައި ބޭއްވުނު މުބާރާތްތަކުން ރާއްޖެއަށް ރީތިނަން ހޯދައިދެމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައިޑަރުން ވަނީ މިހާތަނަށް ބައިވެރިވި މުބާރާތްތަކުން ރަން، ރިހި އަދި ލޯ މެޑަލް ހާސިލް ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ރައިޑަރުންގެ އަމާޒަކީ ރާއްޖެއަށް ރީތިނަން ހޯދައި ދިނުންކަން ފާހަގަކުރަމުން މާޒިން ވިދާޅުވީ ރާއްޖޭގެ ރައިޑަރުން ބޭނުންވަނީ ސަރުކާރަށް ރޭސިންގ އަކީ ވެސް ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއްކަން އަންގައި ދިނުންކަމަށެވެ. ރޭސިންގ މިހާ ހިސާބަށް އައިސްފައި މިއޮތީ ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑު އެހީއެއް ލިބިގެން ކަމަށާއި މި ކުޅިވަރަކީ ވަރަށް އަގު ބޮޑު ކުޅިވަރެއް ކަން މާޒިން ފާހަގަކުރިއެވެ.
ރާއްޖޭގައި އިންޓަރނޭޝަނަލް ފެންވަރުގެ ރޭސިންގ ޓްރެކް އެއް އެޅޭނެ ދުވަހަކީ ރޭސިންގއަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށާއި އެކަމަށް ރާއްޖޭގެ ރައިޑަރުން އުންމީދު ކުރާ ކަމަށް މާޒިން ވިދާޅުވި އެވެ.
ޔޫތް މިނިސްޓްރީއިން މީގެ ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑު އެހީ އެއް ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރުގެ މިނިސްޓަރ އަހުމަދު މަހްލޫފް، ރާއްޖޭގައި ރޭސިންގ ކުރިއަރުވަން ބޭނުން ނުވާކަމަށް މާޒިން ވިިދާޅުވި އެވެ. މީގެއިތުރުން މާޒިން ވިދާޅުވީ މިހެންކަން ކުރުމުން ސަރުކާރުގެ އަގު ވަރަށް ބޮޑަށް ވެއްޓޭކަމަށާއި އެހެން ވާން އޭނާ ބޭނުން ނުވާކަމަށެވެ.
ރޭސިންގ އެސޯސިއޭޝަނުން ކުރި ތުހުމަތުތައް ޔޫތު މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. އަދި ރޭސިންގ ޓްރެކެއްވެސް ރާއްޖޭގައި ނެތް ކަމަށާއި، އަދި އެ އެސޯސިއޭޝަނަށް، ނޭޝަނަލް އެސޯސިއޭޝަންގެ ދަރަޖަވެސް ލިބިފައިނުވާކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި މިހާރު 200 އަށްވުރެ ގިނަ ރައިޑަރުން ތިބިއިރު މި ރައިޑަރުންގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށް ރީތިނަން ހޯދައި ދިނުމެވެ. ރާއްޖޭގައި މިވަގުތު 5 ރޭސިންގ ކްލަބް އޮތް އިރު 13 ރޭސިންގ ޓީމު އޮވެއެވެ.