ގާނޫނުގައި ބުނާ ގޮތުން ފަނޑިޔާރުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ލާޒިމު ސިފައަކީ އަދާލަތުގެ ސިފައެވެ. ގާޒީންނާއި ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ މުރޫއަތްތެރިކަމުގެ ސިފައަކީ ކަރާމާތާއި ޝަރަފާއި އެ މީހަކު ވަޒީފާ އަދާކުރާ ގިންތީގެ ކަރާމާތާއި މުޖުތަމައުގައި އޭނާއަށް ލިބިފައިވާ މަގާމާއި ގަދަރާ އެކަށީގެން ނުވާ ކޮންމެ ކަމަކުން އަމިއްލަ އިހްތިޔާރުން ދުރުހެލިވެ، ރައްކައުތެރިވުމެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ބައެއް ފަނޑިޔާރުންނާއި މެދު އާންމުން ކުރަމުންއައި ތުހުމަތުތަކާއި އެކު އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދުމުގެ މަސައްކަތް އެމްޑީޕީގެ ވެރިކަމެއްގައި ކުރާނެ ކަމަށް އައީ ބުނަމުންނެވެ. މި ސަރުކާރު ވެރިކަމަށް އައިސް އެގޮތުން ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީގައި ބަލަން ފެށުނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކެއް ހުށައެޅި އޭނާއާއި ގުޅޭ މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ބެލިބެލުމުގައި ސިއްސައިގެން ދާވަރުގެ ސީރިއަސް މައްސަލަތަކެއް ތިލަވިއެވެ. އެކަންކަން ބެލިބެލުމުގައި ހާމަވެގެންދިޔައީ އަބްދުﷲ ދީދީއާއި ސިޔާސީ ފަރާތްތަކާއި ގުޅިގެން އަޑިއަޑިން ހިންގަމުން ދިޔަ ވަރުގަދަ "ޑީލްތަކެވެ."
ކުރީގެ ސަރުކާރުގައި ސިޔާސީ ގިނަ ބޭފުޅުންގެ މައްޗަށް ނުހައްގު ދައުވާ އުފުލައި ޝަރީއަތްތައް ހިންގި އިރު ޑީޑީ އަކީ ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑީޑީ ވެވަޑައިގެންނެވީ ކުއްލި ޕްރޮމޯޝަން ތަކުންނެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު ފަނޑިޔާރަކަށް ހުންނަވައިގެން ކުރެއްވި ނުފޫޒުގަދަ ކަންތައް ޖޭއެސްސީގެ ތަހުގީގުން ހާމަވެގެން ދިޔައެވެ. އަވަސް އަރުވާލައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވުމުގައި ޑީޑީ ރިޝްވަތު ނެންގެވިކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް ހުންނެވި މުހްތާޒް މުހްސިން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމުގައި ޑީޑީއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަތަކެވެ. ބޭރަށް ވަޑައިގެންނެވި ދަތުރުތަކަށް އަދީބު އަތުން ޑޮލަރު ހޯއްދެވިކަމުގެ ތުހުމަތުތަކެވެ. އަނބިކަނބަލުންނަށް މެލޭޝިއާ އެމްބަސީއިން ޑެޕިއުޓީ އެމްބެސެޑަރުކަމުގެ މަގާމު ދެއްވުމަށް ހުށައެޅުއްވިކަމުގެ ތުހުމަތެވެ. ޖޭއެސްސީއަށް ފަނޑިޔާރުންގެ ތެރެއިން ގާޒީ މުހައްމަދު އީސާ ފުޅު ހަމަޖެއްސުމަށް ސަރުކާރުގެ އިސްފަރާތްތަކާއެކު މަސައްކަތް ކުރެއްވިކަމުގެ ތުހުމަތެވެ. އަދިވެސް އެތައް ތުހުމަތުތަކެވެ.
އެތުހުމަތުތަކާއި އެކު ބައެއް ކަންތައްތައް ހިނގާފައިވެސް ވެއެވެ. ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކުރި ސ. ހުޅުދޫ، އަތިރީއާގޭ މުހައްމަދު ސުވައިދާއި ސ. މީދޫ، ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ބަންދުން ދޫކޮށްލުމުގެ އިންތިޒާމް ހަމަޖައްސަން ޑީޑީ އުޅުއްވި ކަމުގެ ތުހުމަތެވެ.
ޑީޑީ ޑޮލަރު ހޯއްދަވައިގެން ބޭރަށް ވަޑައިގެންނެވިކަމެވެ. ޑެޕިއުޓީ އެމްބެސެޑަރަކަށް އަނބިކަނބަލުން ހަމަޖެއްސި ކަމެވެ. ފަނޑިޔާރުންގެ ތެރެއިން އީސަ ހަމަޖެއްސިއެވެ. އަދި ޕީޖީގެ މަގާމަށް މުހްތާޒު މުހުސިން އައްޔަންވެސް ކުރެވުނެވެ.
އެތުހުމަތުތަކަށް ޑީޑީ އިންކާރު ކުރެއްވި ނަމަވެސް ފުލުހުން އޭނާއާއި ދެކޮޅަށް ހޯދި ހެކިތަކުން އެއީ ފަނޑީޔާރުންގެ ސުލޫކީ މިންގަނޑުކަމަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުގައި ހިމެނިފައިވާ ކަންތައްތަކާއި ޚިލާފު ކަންތަކެއްކަން އޮތީ ފެންނާށެވެ.
ޖޭއެސީސީން ޑީޑީގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ހެއްކާއެކު އޭނާ ވަކި ކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ. މަޖިލީހުން ޑީޑީގެ އިތުބާރުކަމަށް ނެތް ކަމަށް ފާސްކޮށްފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވައެވެ. ފަނޑިޔާރުކަމަށް އަންހެނުން ގެންނަން ބޭނުން ނޫން ކަމަށް ބައެއް ފަރާތްތަކުން އަޑު ހަރުކޮށް އަޑު އުފުލަމުންދާ ދުވަސްކޮޅެއްގައި ގަދަފަދަ ފަނޑިޔާރުގެ އިތުބާރު ނެތް ކަމަށް ވިދާޅުވީ ރިޔާސަތުގައި އިންނަވައިގެން އަންހެނެކެވެ.
އީވާ ވިދާޅުވީ" ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެއްޖެ" ކަމަށެވެ. ފަނޑިޔާރެއްގެ ނިމުން އައި ގޮތް މަޖިލީހުގައި އީވާ ވިދާޅުވެދެއްވައިފައިވަނީ މި އިބާރާތުންނެވެ. އެއީ އަބްދުﷲ ޑީޑީގެ ފަނޑިޔާރުކަމުގެ ނިމުމެވެ.