ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ހަތަރު އަހަރު ދުވަސްތެރޭގައި ކޮށްދޭން ވައުދުވި ބޮޑެތި ހުރިހާ ވައުދެއް 24 ދުވަސް ތެރޭގައި ފުއްދައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ބީބީއޭއެމްގެ ނައިބްރައީސް އަލީ ރިފާއު ވިދާޅުވީ، ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ އާ ބޯޑު މި މަހުގެ ދެވަނަ ދުވަހު މަގާމާ ހަވާލުވީ ވަރަށް ބޮޑެތި ވައުދުތަކާ އެކުގައި ކަމަށާއި، އޭގެ ތެރެއިން ބޮޑެތި ހުރިހާ ވައުދެއް މިހާރު ފުއްދިފައިވާ ކަމަށެވެ.
ބީބީއޭއެމްއިން ކުރިޔަށް އޮތް ހަތަރު އަހަރަށް ވީ ވައުދުތަކުގެ ތެރެއިން ފުއްދި ބޮޑެތި ވައުދުތައް:
1. ގައުމީ ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެއްސުން
2. އެސޯސިއޭޝަނަށް ޖިމެއް ހަމަޖެއްސުން
3. ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ބޭއްވުން
މި ބޮޑު ތިން ވައުދު ވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ބީބީއޭއެމްއިން ވަނީ ފުއްދާފައެވެ.
ގައުމީ ޓީމަށް ހަމަޖެއްސި ބިދޭސީ ކޯޗު ރާއްޖެ އައިސްފައިވާއިރު، އެސޯސިއޭޝަނަށް ޖިމެއްވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އަދި އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ނިންމުމާއެކު، ބޮޑު މުބާރާތެއް ބޭއްވުމުގެ ވައުދު ވެސް ވަނީ ފުދިގެން ގޮސްފައެވެ.
ބީބީއެމްއަށް މިހާރު ނުފުއްދެނީ އެންމެ ދެ ވައުދެވެ. އެއީ ކުރިޔަށް އޮތް ފަސް އަހަރަށް ކުރާ ޕްލޭންގެ އިތުރުން ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ފެށުމެވެ. އެގޮތުން އެސޯސިއޭޝަނުން އަންނަނީ މި ވައުދުތައް ވެސް ފުއްދުމަށް މަސައްކަތް ކުރަމުންނެވެ.
ރިފާއު ވިދާޅުވީ، މިއީ 2008 ވަނަ އަހަރާ ހަމަޔަށް މުހައްމަދު ވަހީދުއްދީން ބީބީއޭއެމްއަށް ހިންގެވުމަށްފަހު، އާންމު މެމްބަރުން އެސޯސިއޭޝަން ދޫކޮށްލިފަހުން ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، އަދި މިއީ ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދުގެ ދުރު ވިސްނުންފުޅާއެކު ހާސިލްވި ކަންކަން ކަމަށެވެ.
ރިފާއު ވިދާޅުވީ، ބީބީއޭއެމްއިން އެދުނު ކަންކަމުގެ ތެރެއިން ހުރިހާ ކަމެއް ސަރުކާރުން ކޮށްދީފައިވާ ކަމަށާއި، ދެން ބާކީ އޮތީ ބީބީއޭއެމްއިން ނަތީޖާ ނެރުން ކަމަށެވެ.
އެގޮތުން ރިފާއު ވިދާޅުވީ، ލިބުނު ވަސީލަތްތަކާއެކު ގައުމަށް ރީތި ނަން ހޯދައިދޭން ބީބީއޭއެމްއިން މަސައްކަތް ކުރާނެ ކަމަށާއި، އެކަންތައް ހާސިލުކުރާނެ ކަމަށެވެ.
ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު ވަނީ ބީބީއޭއެމް އިން އެދުނު ހުރިހާ ކަމެއް ސަރުކާރުން ކޮށްދިނުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އަދި ޑެޕިއުޓީ ޔޫތު މިނިސްޓަރ އަހުމަދު އިބްރާހިމްއަށް ޝުކުރު އަދާކުރައްވާފައެވެ.