ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށް، ވިސާމަށް ހުކުމް އިއްވުން ފަސްކުރީ ދިފާއީ ހެކީންގެ ތެރެއިން އެކަކު ބަޔާނުގައި ސޮއިކޮށްފައިނުވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
ވިސާމަށް ހުކުމް އިއްވުން މިހާރު ތާވަލުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ 11:30 އަށެވެ.
ވިސާމުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އެވެ. ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އެވެ.
ދައުވާ އަށް އިންކާރުކޮށް، ވިސާމް ވަނީ ދިފާއީ ހެކީންގެ ގޮތުގައި ހަތަރު މީހަކު ހުށަހަޅާފަ އެވެ. ވިސާމުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ ދެ ފުލުހުންނާއި ވީޑިއޯ ފޫޓޭޖެކެވެ.
މި ދައުވާގެ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ވީޑިއޯ ފޫޓޭޖް ދައްކައި، އެ ވީޑިއޯއާ މެދު ދެ ފަރާތުން ވަނީ ވާހަކަ ދައްކާފަ އެވެ.
އެ މުޒާހަރާ ކަވަރުކުރަމުން ދަނިކޮށް ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު ވެސް ހައްޔަރުކުރި އެވެ. ޒަރީރުގެ މައްޗަށް ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އުފުލިއިރު، މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު 3،000 ރުފިޔާ އިން އޭނާ ޖޫރިމަނާކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ވިސާމުގެ މައްޗަށް ހުކުމް އިއްވާއިރު، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގައި 28،800 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށް ޖެނުއަރީ 24 ވަނަ ދުވަހު ހުކުމް ކޮށްފައިވެ އެވެ. ވިސާމާއެކު ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް އެ ހުކުމް އިއްވާފައި ވެއެވެ.
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ދެން އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް، އަދި އެ އަޑުއެހުން ތާވަލުކޮށްފައިނުވެ އެވެ.