ގަތަރުގައި މިހާރު ކުރިޔަށްދާ އިންޓަރނޭޝަނަލް 4 ނޭޝަންސް ކަޕުގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.
ދެވަނަ މެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ އިންޑޮނީޝިއާ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
އިންޑޮނީޝިއާ އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވިނަމަވެސް ރާއްޖޭގެ ޒުވާން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗު ނިޒާމްބެ ބުނީ މި މުބާރާތުގައި ޒުވާން ޓީމު ނެރޭ ނަތީޖާއަކަށް އޭނާ ނުބަލާނެ ކަމަށާއި އޭނާ މަސައްކަތް ކުރަނީ ކުރިއަށް އޮތް ދެއަހަރު ތެރޭ ރަނގަޅު ޓީމެއް ބިނާ ކުރަން ކަމަށެވެ.
މި މަހުގެ 29 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ ޖޯރޑަން އަތުން 9-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި ދެކޮޅަށެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރަން ނިންމީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރި ނުވާން ނިންމުމަށް ފަހުއެވެ. އެފްއޭއެމްއިން ބުނީ ގަތަރުގައި ކުރިޔަށްދާ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕަށް ވުރެ ހުރިހާ ގޮތަކުން ވެސް ފެންވަރު ރަނގަޅު މުބާރާތެއް ކަމަށާއި މި މުބާރާތުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ ކަމަށެވެ.