ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޤައުމު ހިންގަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ އެފަދައިން އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައި، ކެމްޕޭން ކުރީ ވެސް އެ އަސާސްތަކުގެ މައްޗަށް ޤައުމު ހިންގާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެމުންނެވެ. އަދި އެމްޑީޕީއަކީ ވެސް ގާނޫނީ ވެރިކަމަކަށް އެންމެ ބޮޑަށް ދައުވާކުރި ޕާޓީއެވެ.
ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ގޮތަށް މަޖިލިސް އިންތިޚާބު ނިމިގެންދިޔައިރު، ފެނިގެންދިޔައީ މުޅި ރާއްޖެ ރަންރީދޫވެގެން ދިޔަތަނެވެ. މަޖިލީހުގެ 65 ގޮނޑި ރައްޔިތުން އެމްޑީޕީ އަށް ދިނީ ވެރިކަން ކުރުމުގައި ގާނޫނު ހަދާ ބާރުން ވެސް އެއްވެސް ދައްޗެއް ގައުމުގެ ވެރިޔާ އަށް ކުރިމަތިވިޔަ ނުދިނުމަށެވެ. އެ ހިސާބުން ރައްޔިތުން އުއްމީދުކޮށްގެން ތިބީ ޤާނޫނު އަސާސީ ބޮލާލާއި ޖަހައިދިޔަ ދުވަސްތައް މާޒީވެ ގޮސް މި ޤައުމު ހަމަ މަގަށް އެޅުނީ ކަމަށެވެ. އެހެނަސް ޤައުމު ކަންތައް މިހާރު މި ދަނީ އެ މަޤުން ހެއްޔެވެ؟
ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް މީޑިޔާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށްޓަކާ މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ ނަމުގައި ވަނީ މުއައްސަސާއެއް އުފައްދާފައެވެ. ހަމަ އެ ގާނޫނުގައި އެ ކޮމިޝަން އެކުލަވާލެވިފައި އޮންނަންޖެހޭ ގޮތާއި އެ ކޮމިޝަން ހިންގަންޖެހޭނެ ގޮތް ވެސް ވަނީ ބަޔާންކޮށްފައެވެ. ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ އަދަދަކީ ހަތެކެއެވެ. ނަމަވެސް ބްރޯޑްކޮމްގެ މެމްބަރުންގެ އަދަދު މި ވަނީ ފަހަކަށް ބަދަލުވެފައެވެ. ކޮމިޝަނުގެ މެމްބަރުކަމުން ހަސަން ނަބާހު 30 ޖޫންގައި އިސްތިއުފާދެއްވާފައިވާއިރު، ކޮމިޝަނުގެ މެމްބަރު އިސްމާއިލް ސޮފްވާން ވަނީ 26 ޖޫންގައި އިސްތިއުފާދެއްވާފައެވެ. ކޮމިޝަނުގެ ހުސްވެފައިވާ ދެ މެމްބަރުކަމުގެ މަޤާމަށް، މި އަދާ ހަމައަށް އައިރުވެސް މެމްބަރަކު އައްޔަންކުރެވިފައެއް ނުވެއެވެ. ބްރޮޑްކާސްޓިން ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމެއް ހުސްވެއްޖެ ނަމަ، އެ މަޤާމެއް ހުސްވާތާ ގިނަވެގެން 60 (ފޮސްދޮޅަސް) ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަން ކުރަންޖެހެއެވެ. ކޮމިޝަނުގެ މެމްބަރުކަމުން ސޮފްވާން އިސްތިއުފާދެއްވިތާ މިއަދަށް މި ވަނީ 60 ދުވަހަށް ވުރެ އިތުވެފައެވެ. ގާނޫނުގައި ބުނާ 60 ދުވަހުގެ ތެރޭގައި ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވިފައެއް ނުވެއެވެ. ފަހަރުގައި މި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ގުނި ގޮތަށް ބަންދު ދުވަސްތައް ނުލައި ނަމަ އެ ބުނާ 60 ދުވަސް ނުވެދާނެއެވެ. ނަމަވެސް ގާނޫނުގައި ބުނަނީ 60 ދުވަސް ކަމަށެވެ. އީދު ބަންދާއި ހުކުރު ހޮނިހިރާއި އެ ނޫން ވެސް ކޮންމެ މުނާސަބާއަކާ ގުޅިގެން ސަރުކާރު ބަންދުކުރާ ދުވަސްތައް އެ 60 ދުވަސް ގުނާ އިރު އުނިކުރަންޖެހޭނެއެކޭ ނެތެވެ. އެންމެ ބޮޑަށް ގާނޫނީ ވެރިކަމަށް ވަކާލާތުގެ ކުރި ޕާޓީގެ ވެރިކަމެއް އޮވެ އަދި އެ ޕާޓީގެ މެޖޯރިޓީ ގާނޫނު ހަދާ މަޖިލީހެއް އޮވެމެ ދައުލަތް ގާނޫނާ ހިލާފުނުވޭ ހެއްޔެވެ؟
ބްރޯޑްކޮމް އަށް މެންބަރުން އައްޔަން ނުކުރެވި ދިގުލައިގެން ދަނީ ގައުމަށް ކާރިސާއެއް މެދުވެރިވެގެންނެއް ނޫނެވެ. ނޫނީ އެކަން ކުރަން އޮތް މުއައްސަސާ އަށް ގާނޫނީ މައްސަލަތަކެއް ނުވަތަ ޝަރުއީ ހުރަހެއް ވެސް އޮވެގެންނެއް ނޫނެވެ. ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 30 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލި އިރު އެ ނަންތައް މަޖިލީހާ ހިސާބަށް ދާން ދެ މަހެއްހާ ދުވަސް ނެގިއެވެ. ބާރަށް ގޮވައިލީމާ އަޑު އިވޭ ހިސާބެއްގައި ހުރި ރައްޔިތުންގެ މަޖިލީހާ ހަމަ އަށް އެ ނަންތައް ނުފޮނުވި ރައީސްގެ މޭޒުކޮޅު މަތީގައި ދެ މަސް ފާއިތުވީމާ ބުނާނީ ކީކޭ ހެއްޔެވެ؟ މިއީ "ސްލޯ" ސަރުކާރެކޭ ބުނާ ބަޔަކަށް ބުނަން ޖާގަ ލިބެނީ އެހެންވެގެންނެވެ.
ރައީސް އިސްކަން ދެއްވާ ތަރުތީބަކުން ނަންތައް ތަރުތީބުކޮށްލައި މަޖިލީހާ ހަމައަށް ސިޓީގަނޑެއް ފޮނުވަން ދެ މަސް ދުވަހު ނަގާ ނަމަ ރައީސް އޮފީހުގައި އެފަދަ ކަންކަން ކުރަން ތިބި ފަރާތްތަކުގެ ގާބިލުކަމާ މެދު ސުވާލު އުފެދެއެވެ. ކޮންމެ ސަބަބަކާ ހުރެ ވިޔަސް ގާނޫނުގައި ބުނާ އެ މުއްދަތު އެ ވަނީ ފަހަނައަޅާފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވާ އިރު އެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވާލުމެވެ. މި ޤާނޫނުގެ ދަށުން 22 ޖޫން 2014 ގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަން ކޮށްފައެވެ. އެއީ ފަސް އަހަރުގެ ދައުރަކަށެވެ. އެ މަޤާމަށް އައްޔަންކޮށްފައިވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރުގެ ދައުރުގެ މުއްދަތު ހަމަވެފައިވަނީ 22 ޖޫން 2019 ގައެވެ. ފަސް އަހަރުގެ ދައުރެއްގައި ނިދާފައި އޮތް ކޮމިޝަނެއް ކަމަކު ގާނޫނެއްގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއަކަށްވެފައި، އެތަން އުވާނުލާހާ ހިނދަކު އެ ގާނޫނުގައި ބުނާ ގޮތަށް އެ މުއައްސަސާއަށް ވެސް ވެރިޔަކު އައްޔަންކުރަންޖެހެއެވެ. އެހެން ކޮމިޝަންތަކާ ހިލާފަށް އެ ތަނުގައި ހުންނަނީ އެންމެ މެންބަރަކަށް ވުމުން އިންފޮމޭޝަން ކޮމިޝަނަރއެއް ނެތް ހާލަތެއްގައި، އެ ގާނޫނު ރައްޔިތުންނަށް ލިބިދޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދާކޮށްދޭނެ ދެވަނަ ފަރާތެއް ނުވަތަ ގޮތް ކަނޑައަޅާނެ ގާނޫނީ ބެލެނިވެރިއަކު ނުހުންނާނެއެވެ. އެހެންކަމުން ގާނޫނުގައި ބުނާ ގޮތަށް ކޮމިޝަނަރއެއް ނެތި ދާ ކޮންމެ ދުވަހަކީ އެ މުއައްސަސާ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮވެ ފާއިތުވާ ދުވެހެކެވެ.
އިންފޮމޭޝަން ކޮމިޝަނަރގެ މުއްދަތު ހަމަވާކަން މި ސަރުކާރަށް ރޭކާލީ ވެސް މުއްދަތު ހަމަވާން ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ. ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވި އިރު ކޮމިޝަނަރގެ ދައުރުގެ މުއްދަތު ވެސް ވަނީ ހަމަވެފައެވެ. ވަރުވަރުން ރައީސް އޮފީހުގައި ތިއްބެވި ގާނޫނީ ބޭފުޅުންނަށް ވެސް އެކަން އެނގިވަޑައެއް ނުގެންނެވިއެވެ. ތެޅިފޮޅިގަނެގެން އިއުލާނެއްކޮށް މީހުން ކުރިމަތިލުމުން ވެސް އެކަން ވާގޮތް ވަނީ ނުވަފައެވެ. މި ވަގުތު ނަންތައް އޮތީ މަޖިލީހުގައެވެ.
ދައުލަތުގެ ބައެއް މުއައްސަސާތައް ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސްފައިވާއިރު، މި ކަމާ ކަންބޮޑުވެގެން "އުފް" އޭ ބުނެލާނެ ފަރުދެއް މި ޤައުމަކު ނެތެއެވެ. އޭރު ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ޤައުމު ހިންގަވާނެ ކަމަށް ވިދާޅުވެ ކީހާ ޅެން ފަރިއްސައް މިއަދު ބަދަލު ވެއްޖެއެވެ.ޤާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ތިއްބެވި، ފުންނާބު އުސް ޤާނޫނީ އިލްމްވެރިން ވެސް މި އަދު އެ ތިއްބެވީ ހަނެވެ. މީގެ ކުރިން އެފަދަ ކަންކަމުގައި މުޅި ސޯޝަލް މީޑިއާ ކުޑަކުރި މީހުންތަކަށް ވެސް މިއަދު އެފަދަ ވާހަކައެއް ދައްކާލާކަށް ނުކުރެއެވެ.
މި އަދު ޤައުމަށް މި ހާލު ޖެހިފައިވަނީ ދައުލަތް ޒިންމާދާރު ކުރުވާނެ، ހަރުދަނާ އިދިކޮޅު ޕާޓީއެއް ނެތުމުންނެވެ. މަޖިލީހުގައި ތިއްބެވި މަދު އިދިކޮޅު މެމްބަރުން ވެސް، އެ މެމްބަރުންގެ ހަޤީޤީ ޒިންމާ ރަނގަޅު ގޮތުގައި އަދާނުކުރުމުގެ ސަބަބުންނެވެ. އެ ބޭފުޅުން ކިރިޔާ ވެސް ބަހެއް ބުނެލަނީ އެ ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކަމެއް ނުވަތަ އިދިކޮޅު ލީޑަރެއް ކަމަށް އެ ބޭފުޅުން ގަބޫލުކުރާ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ހައްގުގައި އެކަންޏެވެ. މިފަދަ ގާނޫނީ މައްސަލަތަކުގައި އެއްޗެއް ބުނެލާނެ މެންބަރަކު ވެސް އަދި ގާނޫނީ ބޭފުޅަކު ވެސް މިއަދަކު ނެތެވެ.
ޤައުމު ހަމަ މަޤުން ހިންގަން އޭރު ތިމާމެން އެދުނު ހުރިހާ ބާރެއް، އެއްވެސް ޝަކުވާއެއް ކުރުމެއް ނެތި ރައްޔިތުން ވަނީ ދީފައެވެ. ވެރިކަމާއި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީވެސް އެ ވަނީ ދީފައެވެ. ދެން ޤައުމު ހަމަ މަޤުން ހިންގަން އުނިވަނީ ކޯއްޗެއްތޯއެވެ. ޤާނޫނީ ހުސްކަމަކަށް ދިޔުމަކީ، ދައުލަތް ފެއިލްވަމުން ދިއުމުގެ ހެއްކެކެވެ. ރައްޔިތުން އެދެނީ ވީ ވައުދުތަކަކީ ނަނާ ހުވަފެންތަކަކަށް ނުހައްދަވާ، ރައްޔިތުންނަށްވީ ވައުދުތައް ފުއްދަވާކަން އަމަލީ ގޮތުން ދެއްކެވުމެވެ. ވަރުވަރުން މަގާމުތައް އުފައްދަވައި އެ މަގާމުތަކަށް ލައްވާފައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުން އެދޭ ގޮތަށް އަދި ހާއްސަކޮށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނާ ގޮތަށް، ބުނާ މުއްދަތުގައި ކަންކަން ނުކުރެވޭ ނަމަ އެ ފެއިލްވީ ހަމައެކަނި އެ ބޭފުޅުންނެއް ނޫނެވެ. އެ ފެއިލްވެގެން ދަނީ މުޅި ސަރުކާރެވެ. މުޅި ދައުލަތެވެ.