Advertisement
ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 16:26
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްހެ ދަރިކަނބަލުން (މެދުގައި)
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްހެ ދަރިކަނބަލުން (މެދުގައި)
ޓްވިޓަރ
ސަރުކާރުގެ ވަޒީފާ
މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި
ވަޒީފާ އިން ވަކިކުރީ ރައީސް އަށް ލިބޭ ބާރުގެ ދަށުން
ވައްޑެ ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުން

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ދަރިކަނބަލުން ސަރުކާރުގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

 

މެންބަރު ވައްޑެގެ ދަރިކަނބަލުން، މަލްސާ މުހައްމަދު މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް އޮފީހުގެ އެގްޒެކެޓިވް އެސިސްޓެންޓެއްގެ މަގާމުގަ އެވެ.

 

މަލްސާ ވަޒީފާއިން ވަކިކުރިކަން ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށް ވައްޑެ ވަނީ ޓްވީޓް ކުރައްވާފަ އެވެ.

 

ވައްޑެ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާއެކު ސަރުކާރުގެ ވަޒީފާއިން މަލްސާ ވަކިކޮށް އެކަން އަންގާފައިވާ ކަމަށެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަލްސާ މުހައްމަދު ވަޒީފާއިން ވަކިކުރުމަށް ފަހު ދިން ލިޔުމުގައިވާ ގޮތުން ވަޒީފާއިން ވަކިކުރީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ 'ޅ' ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

 

އެ މާއްދާގައި ބުނެފައިވަނީ، ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމާއި، އެ މަގާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

 

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސްގެ މަގާމުގައި ވެސް ފުރުއްވާ ވައްޑެގެ ދަރިފުޅު ވަޒީފާއިން ވަކިކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ވައްޑެ ހިމެނެ އެވެ. ވައްޑެ ސިފަކުރެއްވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަކީ ގައުމީ ވާޖިބެކެވެ.

 

ޕީޕީއެމްގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުންވުންތަކުގައި ޕާޓީ ދެ ފެކްޝަނަކަށް ބެހުނު އިރު، ރައީސް މައުމޫންގެ ފެކްޝަން އިޚްތިޔާރު ކުރެއްވި ވައްޑެ ގެންދަވަނީ ފާޅުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

 

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ފޯނަށް ޖަވާބު ނުދެއްވާތީ ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް