އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ނިޒާމު ހަރުދަނާ ކުރެވިގެންދާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން އެނިޒާމުގެ ތެރެއިން ލިބޭނެ އިންތިޒާމު، ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރާކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އާސަންދަ އާއި އެންސްޕާއިން މިހާރު އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެ އެކަމުގައި ޓައިނީ ހާޓްސްގެ ލަފަޔާއި މަޝްވަރާ ވެސް ހޯއްދަވާނެ ކަމަށެވެ.
ބައެއް ކުދިން އުފަންވާއިރު، ހިތުގެ ބަލި ހުރުމަކީ ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާ ކަމެއްކަން ފާހަގަކުރައްވައި، އެފަދަ ބަލިތަކުގައި މިރާއްޖޭގެ ކިތަންމެ ކުދިންނެއްގެ ފުރާނަ ގެއްލިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ 10 އަހަރު ކުރިން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އުފެދުމާ ހަމައަށް، ތުއްތު ކުދިންނަށް މި ޙާލަތު މެދުވެރިވަނީ، ކޮންޖެނިޓަލް ހާޓް ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުންކަން، ގިނަ ބަޔަކަށް ނޭނގި އޮތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިކަމަށް ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އުފައްދައިގެން ކުރި މަސައްކަތުންކަން ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެ ޖަމްޢިއްޔާ ފެށިގެން އައި ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން އެ ޖަމްޢިއްޔާ އުފެއްދުމަށް މަސައްކަތްކުރެއްވި ދެމަފިރިންގެ ހިތްވަރާއި އެ ޖަމްޢިއްޔާގެ މަސައްކަތާއެކު އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި، ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި، އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އެދެމަފިރިންގެ ޚިދުމަތް އެމަނިކުފާނު ސިފަކުރެއްވީ ޤައުމީ ޚިދުމަތެއްގެ ގޮތުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ހަށިހެޔޮ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމުގައި ޓައިނީ ހާރޓްސްއިން ކުރިޔަށްގެންދާ ތަފާތު އެކި ޕްރޮގްރާމުތައް ފާހަގަކުރައްވައި ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ޙަރަކާތްތެރި ދިރިއުޅުމަށް ބާރުއެޅުމަށް، އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ހިންގާ މިފަދަ ކޮންމެ ޙަރަކާތަކަށް ސަރުކާރުގެ އެއްބާރުލެއްވުން އަބަދުވެސް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މިހަފްލާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ 10 އަހަރުގެ މަސައްކަތުގެ ދިރާސާ އިފްތިތާޙް ކޮށްދެއްވާފައެވެ.