ރ.ރަސްމާދޫގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވީތީ އެރަށުގެ ރައްޔިތުންތަކެއް މުޒާހަރާ ކޮށްފިއެވެ.
ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް ތޯހާ ރަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، ނަމަވެސް އެސަރުކާރުން ވެސް މިމައްސަލައަށް ހައްލު ހޯދައިދިނުމަށް މާބޮޑު މަސައްކަތެއް ކޮށްދީފައިނުވާ ކަމަށެވެ.
ތޯހާ ވިދާޅުވީ ކުޑަ މަރާމާތެއް ކުރުމަށް ފަހު ކޮންމެ ފަހަރަކު ކަރަންޓު ދެނީ ކަމަށާއި، ނަމަވެސް މިއަހަރުގެ ރަމަޟާންގެ މަހުން ފެށިގެން މާގިނައިން ކަރަންޓު ކެނޑޭ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ނުލިބި ތިންގަޑިއިރަށް ވުރެ ގިނައިރު ތިބެން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތޯހާ ވިދާޅުވީ ކުއްލިކުއްލިއަށް ކަރަންޓު ކެނޑޭތީ އާންމުގެ މުދަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ރައްޔިތުންގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
ހޯމަ ދުވަހު މުޒާހަރާ ކުރީ މިމައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއްވެފައިވާތީ ކަމަށާއި، މިމައްސަލަ ފެނަކަ ކޯޕްރޭޝަންގެ ސަމާލުކަމަށް ގެނައި ނަމަވެސް ހައްލުވެފައި ނުވާ ކަމަށް ތޯހާ ވިދާޅުވިއެވެ. ތޯހާ ވިދާޅުވީ އިންޖީނުގެ ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން އަބަދުވެސް ގެންނަނީ އެހެން ރަށްރަށުގައި ބޭނުންކޮށްފައި ހުންނަ ބައު ޖަނަރޭޓަރުތައް ކަމެވެ. ނަމަވެސް އުންމީދު ކުރަނީ ރައްޔިތުންގެ މިކަންބޮޑުންތަކަށް އަވަސް ހައްލެއް ލިބިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ މިހާރު ކަރަންޓު ފޯރުކޮށްދެމުންދަނީ 200 ކިލޯވޮޓުގެ އެންމެ ޖަނަރޭޓަރަކުން ކަމަށާއި، އޭގެން މުޅި ރަށަށް ކަރަންޓް ފޯރުކޮށްނުދެވޭނެ ކަމަށެވެ. އަދި މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭނީ 200 ކިލޯވޮޓުގެ ދެޖަނަރޭޓަރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާދޫއަކީ 800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.