ފ. މަގޫދޫގައި އެކަށީގެންވާ ގޮތުގައި ކުނިމެނޭޖް ނުކުރެވޭތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު ވިދާޅުވީ އެރަށުގައި ކުނި މެނޭޖްކުރަމުން ދަނީ ވަކި އުސޫލަކުން ކަމަށާއި، ވެމްކޯއާއެކު އެމަސައްކަތް ކުރުމަށް އެގްރިމެންޓް ހަދާފައިވާ ކަމަށެވެ. އަދި އެގްރިމެންޓްގެ ދަށުން ވެމްކޯއިން ކޮންމެ މަހަކު ނުވަތަ ދެމަހުން އެއްމަހުން ކުނިކޮށީގެ ކުނިތައް ނަގައި ބާޖުގައި އެރަށުން އެބޭރު ކުރާ ކަމަށެވެ. ނަމަވެސް ވެމްކޯއިން ކުނި ބަލާ ނާންނަތާ މިހާރު 8 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުހުﷲ ވިދާޅުވީ ކުނި ރަށުން ބޭރުނުކުރެވި، މިހާރު ކުނިކޮށި ފުރިފައިވާ ކަމަށާއި، އެކަމުގެ ތަކުލީފުތައް ރަށުގެ ރައްޔިތުންނަށް ފޯރާފައިވާ ކަމަށެވެ.
މީގެ އިތުރުން ފަތުހުﷲ ވިދާޅުވީ މިމައްސަލަ ވެމްކޯގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އުންމީދުކުރަނީ އެންމެ ލަސްވެގެން އަންނަ މަހު ވެމްކޯއިން ކުނި ބަލާ އަންނާނެ ކަމަށެވެ.
މީގެ އިތުރުން ފަތުހުﷲ ވިދާޅުވީ އެރަށުގައި ގޭތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ ކައުންސިލުން ކަމަށާއި، އެމަސައްކަތަށް 3 މުވައްޒަފުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވިދާޅުވީ 3 މުވައްޒަފުންނަށް ވެސް މުސާރަ ދިނުމަށް ދަތިތައް ކުރިމަތިވާ ކަމަށާއި، މިމަސައްކަތަށް ސަރުކާރުގެ ފަރާތުން ވަކި ބަޖަޓެއް ބޭނުންވާ ކަމަށެވެ. އެހެން ނޫން ނަމަ މިމަސައްކަތް ވެސް މެނޭޖްނުކުރެވޭނެ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.
400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގައި ގޭބިސީއަކުން ކުނި އުކަލަދެނީ 150 ރުފިޔާއަށެވެ.