ކުރަމަތި އައިލޭންޑް ރިސޯޓުގައި ކޮންމެ އަހަރަކު ބާއްވާ "ކޭ ކަޕް ފުޓްސަލް މުބާރާތް" ނުވަ ޓީމާއެކު ފަށައިފިއެވެ.
ކުރަމަތީގެ ޑިޕާޓްމެންޓްތަކުގެ މެދުގައި ބާއްވާ މުބާރާތް ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުންގާނު އެފްސީ އާއި ތުނޑި އެފްއެންބީއެވެ.
މި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުންގާނުއެވެ. މެޗުގައި ހުންގާނުގެ ލަނޑުތައް އަހުމަދު އަފްރާޒް އާއި އަހުމަދު ޝަނޫ ކާމިޔާބުކުރިއިރު، ތުނޑި އެފްއެންބީގެ ލަނޑު ކާމިޔާބުކުރީ ހުސެއިން އާނިމްއެވެ.
ދެވަނަ މެޗުގައި އައި ޗެލެންޖާސް އާއި މެއިން އެފްއެންބީ ބައްދަލުކުރިއިރު، މި މެޗު 1-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައި ޗެލެންޖާސްއެވެ.
މެޗުގައި އައި ޗެލެންޖާސްގެ ވަސީމް ހެޓްރިކް ހަދާފައިވާއިރު، ބަކުރު އާއި ނިސްބާހު އާއި އައްޒާމް އަދި އިބްރާހިމް ނަޒީހުވެސް ވަނީ ލަނޑު ޖަހާފައެވެ. އަދި މެޗުގައި މެއިން އެފްއެންބީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސަމާންއެވެ.
މުބާރާތާ ބެހޭގޮތުން ކުރަމަތި ރިސޯޓުގެ ހިއުމަން ރިސޯސް (އެޗްއާރް) ސުޕަވައިޒަރު އަލީ އަބްދުﷲ ވިދާޅުވީ، މިފަހަރު މުބާރާތުގައި ވާދަކުރަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު، މަދު ޓީމުތަކަކުން ކަމަށެވެ. ނަމަވެސް ޓީމު މަދުވިޔަސް، ފޯރިއަށް ބަދަލު ނާންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން އަލީ ވިދާޅުވީ، މުބާރާތަކީ ހުރިހާ ޑިޕާޓްމެންޓެއްގެ ކުދިން އެއްބައިވަންތަ ކުރުވަން ބާއްވާ މުބާރާތެއް ކަމަށާއި، އެ މަގްސަދު ކޮންމެ އަހަރަކު ބާއްވާ މުބާރާތާއެކު ހާސިލުވާ ކަމަށެވެ.
މީގެއިތުރުން އަލީ ވިދާޅުވީ، ކުރަމަތި ހިމެނޭ ޒޯނުން އިންޓަ ރިސޯޓުގައި ވާދަނުކުރާ ކަމަށާއި، ރިސޯޓުގައި ބައިވެރިވާނަމަ ދާން ޖެހެނީ އދ އަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވާން އެ ސަރަހައްދަށް ދިޔުމުގައި ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އަލީ ވިދާޅުވީ، ކުރަމަތިން އިސް ނަގައިގެން ރިސޯޓް ހިމެނޭ ޒޯންގެ އެހެން ރިސޯޓުތަކާ ވާހަކަ ދައްކައިގެން އިންޓަ ރިސޯޓް މުބާރާތެއް ކުރަމަތީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ ފަސްވަނަ ދުވަހުއެވެ.