ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 22:58
ބްލެކް ޕެންތަރ
ބްލެކް ޕެންތަރ
އައިއެމްޑީބީ
ބްލެކް ޕެންތަރ
ބްލެކް ޕެންތަރ 2 ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފި!
"ބްލެކް ޕެންތަރ" ގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައިވަނީ 2018 ވަނަ އަހަރު ފެބްރުއަރީ މަހު

މާވެލް ކޮމިކްސްގެ "ބްލެކް ޕެންތަރ" ފްރެންޗައިސްގެ ދެވަނަ ފިލްމް ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

އެގޮތުން، "ބްލެކް ޕެންތަރ 2" ރިލީޒް ކުރަން ހަމަޖެހިފައިވަނީ 6 މޭ 2022 ގައެވެ. މިކަން އިއުލާން ކޮށްފައިވަނީ ޑިޒްނީގެ "ޑީ23" އެކްސްޕޯގައި، މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފީޖްއެވެ. އަދި އޭނާއާއެކު "ބްލެކް ޕެންތަރ" ފިލްމް ޑައިރެކްޓް ކުރީ ރަޔަން ކޫގްލަރ ބައިވެރިވެފައިވާއިރު، "ބްލެކް ޕެންތަރ 2" ވެސް ޑައިރެކްޓް ކުރާނީ މި ހަގު ޑައިރެކްޓަރކަން އިއުލާން ކުރެވުނެވެ.

ފެބްރުއަރީ 2018 ގައި ރިލީޒްކުރި "ބްލެކް ޕެންތަރ" އަށް މިހާތަނަށް 700 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް އެމެރިކާއިން އެކަނި ލިބިފައިވާއިރު، މުޅި ދުނިޔެއަށް ބަލާއިރު މި ފިލްމަށް 1.34 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މިފަދަ ސުޕަރހީރޯ ފިލްމްތަކަކީ ބޮކްސް އޮފީހުގައި ކާމިޔާބު ނަމަވެސް އެވޯޑް ޝޯވތަކުގައި މާ ބޮޑު ކާމިޔާބު ލިބޭ ފިލްމްތަކެއް ނޫނެވެ.

ނަމަވެސް، "ބްލެކް ޕެންތަރ" އިން ވަނީ މިކަން ބަދަލުކޮށް، ތިން އޮސްކާ އެވޯޑް -ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް- ހާސިލް ކޮށްފައެވެ؛ އެއީ، އޮރިޖިނަލް ސްކޯ، ޕްރޮޑަކްޝަން އަދި ކޮސްޓިއުމް ޑިޒައިން އެވެ.

ކަޅު އަދި އެހެނިހެން ނަސްލުގެ ފަރާތްތަކަށް ހޮލީވުޑްގައި ތަފާތު ކުރުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މި ފިލްމް ރިލީޒް ކޮށްފައިވާއިރު، ކަޅު ނަސްލުގެ ތަރިން މައި ރޯލުން ފެންނަ "ބްލެކް ޕެންތަރ"ގެ ސަބަބުން ތަފާތު ނަސްލުގެ ތަރިން މައި ރޯލުން ފެންނަ ފިލްމްތައް ވެސް ހިނގާކަން ހޮލީވުޑްގެ ޕްރޮޑިއުސަރުންނަށް އެނގިގެން ދިޔައެވެ.

"ބްލެކް ޕެންތަރ" އިން ފެނިގެންދިޔައީ ޗެޑްވިކް ބޮސްމަން، މައިކަލް ބީ. ޖޯޑަން، ލުޕީޓަ ޏޮންގޯ، ޑަނާއި ގުރީރާ، އެންޖެލާ ބެސެޓް، ފޮރެސްޓް ވިޓެކަރ އަދި އޭންޑީ ސަރކިސް ފަދަ ތަރިންނެވެ. އަދި މި ތަނުން ގިނަ ތަރިން ދެވަނަ ފިލްމްގައި ފެނިގެންދާއިރު، "ބްލެކް ޕެންތަރ" ނުވަތަ ވަކާންޑާގެ ރަސްގެފާނު ޓަޗާލާގެ ރޯލުން ފެންނާނީ ބޮސްމަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް