ސެޕްޓެމްބަރ މަހުގެ 24 ން 29 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2019 ގައި ބައިވެރިވުމަށް ހުޅުވައިލައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި ބައިވެރިވުމަށް ބޭނުންވާ ކުޅުންތެރިން 26 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އަށް ޕާސްޕޯޓުގެ ކޮޕީއަކާއި އެކު ބައިވެރިވާން އެދޭ ކަން ލިޔުމަކުން އެންގުމަށެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ މުބާރާތަކީ ވަކި ވަރަކަށް ކުދިން ބައިވެރިވެވޭ މުބާރާތެއް ކަމުން އެންޓްރީހެދުމުގައި އިންޓަރނޭޝަނަލް ރޭންކިންއަށާއި ނޭޝަނަލް ރޭންކިންއަށް ބަލާނެ ކަމަށެވެ.
މީގެ އިތުރުން މުބާރާތުގައި އެންޓްރީ އަދަދު ކަނޑައެޅުމާއި ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ބެލުމުގެ ދަށުން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އިންޓަނޭޝަނަލް މުބާރާތް ބޭއްވުމަށް އޮފީސް ކުންފުނިތަކުގެ މުބާރާތް ފަސް ކޮށްފައެވެ.
ބެޑްމިންޓަން އަކީ ރާއްޖެއަށް ކުޅިވަރުން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅިވަރެކެވެ. މި ފަހުން ބޭއްވުނު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ސިންގަލް އިވެންޓުން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔެއް ވަނީ ރަން މެޑަލް ކާމިޔާބު ކޮށްފައެވެ