Advertisement
ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 12:02
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ސަޕްލިމެންޓްރީ ބަޖެޓު
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަނީ އޮފީސް ހިނގުމަށް ބޭނުންވާ ހަރު މުދާ ހޯދުމަށް
މިކަމަށް ޖުމްލަ 402 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވޭ
އެއީ ޖުމްލަ ސަޕްލިމެންޓްރީ ބަޖެޓުގެ 23.6 އިންސައްތަ
ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކުރަން ހިމަނާފައިވަނީ އިގްތިސާދީ ފައިދާއަށް ކުރާ ހަރަދުގެ ގޮތުގައި ހިމަނާފައިވާ 350 މިލިއަން ރުފިޔާ

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކަމަށް ހާމަވެއްޖެއެވެ.

2019 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ ކަރުދާހުގައި ވާގޮތުން ނަމަ، އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 402،548،101 (ހަތަރު ސަތޭކަ ދެ މިލިއަން ފަސް ލައްކަ ސާޅީސް އަށް ހާސް ސަތޭކަ އެއް) ރުފިޔާ ހަރަދު ކުރަން ހިމަނާފައެވެ. އެއީ ޖުމްލަ ސަޕްލިމެންޓްރީ ބަޖެޓުގެ 23.6 އިންސައްތައެވެ.

އޮފީސް ހިންގުމަށް ބޭނުންވާ ހަރަދުގެ ތަފްސީލަށް ބަލާއިރު، އެ 402 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްލާންޓް، މެޝިނަރީއާއި އިކްވިޕްމަންޓްސް ގަތުމަށެވެ. އެއީ ޖުމްލަ 189،686،339 (ސަތޭކަ އަށްޑިހަ ނުވަ މިލިއަން ހަ ލައްކަ އަށްޑިހަ ހަ ހާސް ތިން ސަތޭކަ ތިރީސް ނުވަ) ރުފިޔާއެވެ. އެހެނިހެން އިކްވިޕްމަންޓް ގަތުމަށް 162،250،000 (ސަތޭކަ ފަސްދޮޅަސް ދެ މިލިއަން ދެ ލައްކަ ފަންސާސް ހާސް) ރުފިޔާ ހިމަނާފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކުރުމަށް ހިމަނާފައިވަނީ އިގްތިސާދީ ފައިދާއަށްޓަކައި ކުރާ ހަރަދެވެ. އެގޮތުން ޖުމްލަ 350،000،000 (ތިން ސަތޭކަ ފަންސާސް މިލިއަން) ރުފިޔާ މިކަމަށް ހަރަދުކުރުމަށް ހިމަނާފައިވެއެވެ. އެއީ ސަޕްލިމެންޓްރީ ބަޖެޓުގެ 20.5 އިންސައްތައެވެ. އިގްތިސާދީ ފައިދާއަށް ކުރާ ހަރަދު އެއްކޮށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ހިންގާ ފައިދާ ލިބޭގޮތަށް ހުންނަތަންތަނަށް ކެޕިޓަލް ދޫކުރުމަށް ދޭ ފައިސާއަށެވެ.

ތިންވަނައަށް އެންމެ ބޮޑު ހަރަދެއް ކުރުމަށް ހިމަނާފައިވަނީ، ތަމްރީން ކުރުމަށް ކުރެވޭ ހަރަދުގެ ގޮތުގައެވެ. އެއީ ޖުމްލަ 301،035،000 (ތިން ސަތޭކަ އެއް މިލިއަން ތިރީސްފަސް ހާސް) ރުފިޔާއެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އަދި ފެލޯޝިޕްގައި ދާމީހުންނަށެވެ. މިއީ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވާ ދާއިރާއެވެ.

Advertisement

ރިކަރަންޓް ހަރަދުގެ ތެރެއިން ދެން އެންމެ ބޮޑު ހަރަދެއްކުރަން ހަމަޖެހިފައިވަނީ، ސަރުކާރުންދޭ އެހީ، އިޝްތިރާކާއި އަދި ސަބްސިޑީޒްގެ ދާއިރާއެވެ. އެ ދާއިރާއަށް 270،443،610 (ދުއިސައްތަ ހަތަރު ލައްކަ ސާޅީސް ތިން ހާސް ހަ ސަތޭކަ ދިހަ) ރުފިޔާއެވެ. މި ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައެވެ. އެއީ ޖުމްލަ 165 މިލިއަން ރުފިޔާއެވެ. މި ފައިސާގެ ތެރެއިން 81 މިލިއަން ރުފިޔާ އެހެނިހެން ގޮތްގޮތުގައި ދޭ އެހީގެ ފައިސާގެ ގޮތުގައި ދޭން ހިމަނާފައިވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ ކަރުދާހުގައި، ބަޖެޓް ކޮންޓިންޖެންސީއަށް 225،038،204 (ދުއި ސައްތަ ފަސް މިލިއަން ތިރީސް އަށް ހާސް ދުއި ސައްތަ ހަތަރު) ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ލަފާކުރެވިފައި ނުވާ ހަރަދުތައް ނުވަތަ ކުއްލިއަކަށް ކުރަން ޖެހިދާނެ ހަރަދަކަށް ބަޖެޓުން ކަނޑައަޅާފައިވާ ފައިސާއެވެ.

ސަޕްލިމެންޓްރީ ބަޖެޓު ހުށައަޅާ ސަބަބު ބަޔާންކުރަމުން ސަރުކާރުން ބުނެފައިވަނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައި ދިނުމުގެ ގޮތުންނާއި، ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ފައިސާ ބަޖެޓުގައި ހިމެނުމުގެ ގޮތުން ހުށައަޅާފައިވާ ބަޖެޓެއް ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ 716،800،000 (ހަތްސަތޭކަ ސޯޅަ މިލިއަން އަށް ލައްކަ) ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ބައިލެޓެރަލް އެހީގެ ގޮތުގައި ލިބިފައިވާ 647,507,607 (ހަސަތޭކެ ސާޅީސް ހަތް މިލިއަން ފަސް ލައްކަ ހަތް ހާސް ހަސަތޭކަ ހަތް) ރުފިޔާ އާއި މަޝްރޫއުތަށް ހިންގުމަށް ލިބިފައިވާ 69،292،393 (ފަސްދޮޅަސް ނުވަ މިލިއަން ދެ ލައްކަ ނުވަދިހަ ދެ ހާސް ތިން ސަތޭކަ ނުވަދިހަ ތިން) ރުފިޔާ ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް