ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީ ބަލިކޮށް ޗެލްސީން ފުރަތަމަ މޮޅު ހޯދައިފިއެވެ.
އާދީއްތަ ދުވަހު ކުޅުނު މެޗު ނޯވިޗްއާ ވާދަކޮށް ޗެލްސީން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.
ނޯވިޗް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އަޒްޕިލިކުއެޓާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަބްރަހަމްއެވެ.
ނަމަވެސް ނޯވިޗް އިން ވަނީ އޭގެ ތިން މިނެޓު ފަހުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޕުކީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކާންޓްވެލްއެވެ.
މި ލަނޑާއެކު ޗެލްސީން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، 17 ވަނަ މިނެޓުގައި ޕުލިސިކްގެ އެހީތެރިކަމާއެކު މައުންޓް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު އަނބުރާ ހޯދާފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޯވިޗްއިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕުކީއެވެ.
ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ދެޓީމަށް ވެސް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
މެޗުން ޗެލްސީ މޮޅުވި ލަނޑު 68 ވަނަ މިނެޓުގައި ކޮވަސިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަބްރަހަމްއެވެ. މި ލަނޑަށްފަހު ވެސް ޗެލްސީއަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ޗެލްސީ ކުޅުނު ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.