ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 15:26
ހުޅުމާލެ ބީޗްގައި ފައިގަތަޅާ ކުޅެނީ
ހުޅުމާލެ ބީޗްގައި ފައިގަތަޅާ ކުޅެނީ
ރާއްޖެއެމްވީ
ހުޅުމާލެ ބީޗް
ދަތުރުދާން ހުޅުމާލެ އަނެއްކާވެސް "ފައްކާ" ވެއްޖެ!
މިއީ އާންމުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް
ގިނަ އަދަދެއްގެ ބަޔަކު ޕިކްނިކް ގޮސްއުޅޭ

ކޮންކްރީޓް ޖަންގަލީގެ ތެރެއިން ދުއްވާފައި ގޮސް ނިކުމެވުނީ ރީތި ދޮންވެލިގަނޑަކަށެވެ. އަމިއްލަ އުފަން ރަށަށް އާދެވުނު ކަހަލައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ދުވެ ނަގަނީއެވެ. އެއްބަޔަކު ކުޅިވަރު ކުޅެނީއެވެ. ކެއުމައިގެން އެއްބަޔަކު މަސްއޫލުވާއިރު އަނެއް ބަޔަކު އުނދޯލިތަކާއި ޖޯލިތަކުގައި ތިބެ ޖެހުމުންދާ ގުދުރަތީ ވައިރޯޅިން ހިތްއުފާ ލިބިގަންނަމުންދެއެވެ. މިއީ މާލެ ސިޓީން ފެންނާނެ ކަމަށް އުންމީދު ކުރި ކަމެއް ނޫނެއެވެ. ނަމަވެސް މާލޭގެ ހަވަނަ އަވަށް ކަމަށްވާ ހުޅުމާލޭގެ ބީޗް މިހާރުން ފެންނަމުން ދަނީ މިމަންޒަރުތަކެވެ.

އަހަރު ތަކަކަށްފަހު ހުޅުމާލޭގެ އިރުމަތީފަރާތު ބީޗް އާންމު ރައްޔިތުންނަށް ހުޅުވިގެން ދިއުމީ ގިނަ ރައްޔިތުންގެ މިއަދު އުފާ ކުރާ ކަމެކެވެ. އާއިލާތަކާއި، ރައްޓެހިންތައް ގުރޫޕްތަކުން ކެއްކުންތައް ކައްކެން ފިކްނިކްދާ މަންޒިލަކަށް ހުޅުމާލެ ބީޗް މިއަދު މިވަނީ ވެފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއީ ވަރަށް ހިތް ހަމަޖެހޭ ކަމެއް ކަމަށާއި، ހުޅުމާލެ ތަރައްގީ ކުރި މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ހުޅުމާލެ ތަރައްގީ ކުރި ނަމަވެސް ބަޔަކު މީހުން އެކަމުގެ ނާޖާއިޒް ފައިދާ ނެގިކަން އޭނާ ފާހަގަކުރިއެވެ.

މިހާރު ކިހާއުފާވެރި މިތަން. ކުރިން މިހެން އައިސް މިތާގަ މިގޮތަށް ނޫޅެވޭ. ވިޔާފާރި ހިންގާ ބައެއް މީހުން އަމިއްލަތަނަކަށް ވެފައި އޮތީ. ކެފާތައް ހިންގާތީ އެހާ މީހުން ގިނަ. އެހެންވީމަ މިގޭ ކުދިން ވެސް އަންނާކަށް ބޭނުމެއް ނުވޭ. ޕްރައިވެސީ ވަރަށް ބޮޑަށް ގެއްލޭ އޭރުގަ. މިހާރު ވަރަށް ސަޅި.
ޕިކްނިކް ގޮސް އުޅުނު ޒުވާނަކު ބުންޏެވެ.
ބީޗްއަށް ގިނަ ބަޔަކު ޕިކްނިކް ގޮސްއުޅޭ

ކެފޭތަކާއި ރެސްޓޯރަންޓްތަކުން ފުރިފައި އޮތް ހުޅުމާލެ ބީޗް, ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުސްކުރީ އޮގަސްޓް މަހު އެއްވަނަ ދުވަހުއެވެ. އެސަރަހައްދުގެ ބިޔަ ބޮޑު ގަސްތަކުން ހިޔާވާނެ ޖާގަ ލިބޭއިރު ބަންދު ދުވަހެއްގައި ހުޅުމާލެ ބީޗުން ޖާގަ ހޯދުމަށް އުނދަގޫވެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ބީޗްއަށް ފިކްނިކް ދާ މީހުންނަށް ޚާއްސަކޮށް އެތަން ތަރައްގީ ކުރާނެ ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި ފެން ހޮޅި ވަޅުލުމުގެ މަޝްރޫއު ނިންމުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެކޯޕްރޭޝަނުން މައުލޫމާތުދެއެވެ.

ހުޅުމާލެ ބީޗްގައި ރެސްޓައުރެންޓްތައް ހިންގި ދުވަސްވަރު

މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލެ ބީޗް އާންމު ރައްޔިތުންނަށް އަހަރުތަކަކަށްފަހު ހުޅުވިގެން ދިޔައިރު މިސަރަހައްދު ބޭނުން ކުރުމުގައި އެންމެންގެ ވެސް ފަރުދީ ޒިންމާ ނަގަންޖެހޭ ކަމަށެވެ. ތަން ހަޑިނުކުރުމާއި، ކުނި އުކާލުމާއި، ބަހައްޓާފައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ. ނަމަވެސް މިފަދަ ބައެއް ޝަކުވާތައް މިހާރު ވެސް ލިބެމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ބީޗް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

ރައްޔިތުންގެ މަސްލަހަތު އިސްކޮށް މިއަދު މިވަނީ ކެފޭ ރެސްޓޯރަންޓްތަކުގެ މޭޒުތަކާއި ގޮނޑިތަކުން މުޅި ސަރަހައްދު ސާފުކޮށް އާންމު ރައްޔިތުންނަށް ހުޅުވާލަދީފައެވެ. މީގެ ކުރިން އެސަރަހައްދު ބޭނުން ކުރި ގޮތަށް މިއަދު އެތަން ބޭނުން ކުރެވޭނެއެވެ. އާންމުންނަށް ފަސޭހަ ހިތްގައިމު ސިޓީއަކަށް އެ ރަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް މިއަދު ބޭނުންވަނީ ތިޔަ ރައްޔިތުންގެ އެއްބާރުލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް