ސެންޓްރަލް ޒޯން ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވުން މުހިންމު ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.
މަރޭ ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ފުޓުބޯޅަ ނޫން އެހެން ކުޅިވަރުތަކަށް ކުރިއަރަން ބޭނުންވާ ވަރަށް ކުރި ނޭރި އޮތީ އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މެޗުތަކެއް ކުޅެން ނުލިބުމުން ކަމަށެވެ. އެގޮތުން މަރޭ ވިދާޅުވީ، އެކަމަށް އެދޭތާ ނުވަ އަހަރުވެފައިވާ ކަމަށާއި، އުންމީދަކީ މުސްތަގުބަލުގައި ގިނަ ކުޅިވަރުތަކުން ބައިނަލްއަގުވާމީ މުބާރާތް ދިވެހި ފަސްގަނޑުގައި ބޭއްވިގެން ދިޔުން ކަމަށެވެ.
މަރޭ މިހެން ވިދާޅުވެފައިވާއިރު، މިހާރު ސަރުކާރުން އަންނަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެއީ ސަރުކާރުގެ ވައުދެކެވެ.
އެގޮތުން ރާއްޖެއިން ވަނީ ސެންޓްރަލް ޒޯން ރާއްޖޭގައި ބޭއްވުމަށް ބިޑުކޮށްފައެވެ. އަދި 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އާއި 2020 ވަނަ އަހަރު އޮންނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.
މީގެއިތުރުން ފާހަގަކޮށްލަންޖެހެނީ މިހާރުގެ ސަރުކާރުން ވަކި ކުޅިވަރެއް ތަފާތު ނުކޮށް، ހުރިހާ ކުޅިވަރަކަށްވެސް ސަމާލުކަންދީގެން ކުޅިވަރުތައް ތަރައްގީ ކުރުމަށް އަދި ކާމިޔާބު ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމެވެ.