ސުޕަ ކޮމެޓީއަކީ ބަޔަކު މީހުން މީޑިއާގައި ކްރިއޭޓް ކުރިއެއްޗެއް ކަމަށާއި، ބަޔަކު މީހުން މަސައްކަތް ކުރަނީ އެމްޑީޕީގެ އެތެރޭގައި ފިތުނަ ފަސާދަ އުފައްދަން ކަމަށް މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ ނަޒާހަތްތެރި މަޖިލީހެއް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށާއި، އެންމެން ވެސް މަސައްކަތް ކުރަނީ ވަރަށް އެކުއެކީގައި ކަމަށެވެ. އަދި މިގޮތަށް މަސައްކަތް ކުރިއަށް ގެންދާނަމަ ކުރިއަށް އޮތް 40 އަހަރުގެ ތެރޭގައި ވެސް އެމްޑީޕީ ނޫން ބަޔަކަށް ވެރިކަން ނުލިބޭނެ ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.
މެމްބަރު އާޒިމް ވިދާޅުވީ އެކުއެކީގައި މަސައްކަތް ކުރާތީ އެބައެއްގެ ބޭނުމަކީ ވަކި އެއްޗެއް ކްރިއޭޓް ކޮށްގެން ޕާޓީގެ އެތެރޭގައި ފިތުނަ އުފެއްދުން ކަމަށެވެ. 19 ވަނަ މަޖިލީހުން ފެންނަ މިމަންޒަރު ފާއިތުވެދިޔަ 17 އަދި 18 ވަނަ މަޖިލީހުން ވެސް ފެނިފައިވާ ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.
މެމްބަރު އާޒިމް ވިދާޅުވީ ސުޕަ ކޮމެޓީގެ މަގުސަދު ނަގާލުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެފުރުސަތު ނުދޭނެ ކަމަށެވެ.
މެމްބަރު އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ މުއައްސަސާތައް ފެއިލްވެގެންދާތީ އެކަން ރަނގަޅުކުރުމަށާއި، ދިވެހި އެއްވެސް ރައްޔިތަކު ވެސް މުއައްސަސާތައް ފެއިލް ވެގެންދާން ބޭނުން ނުވާ ކަމަށެވެ. އަދި ފެއިލްވުމުން އެކަމުގެ ހުރިހާ ނިކަމެތިކަމެއް ލިބިގެންދަނީ ރައްޔިތުންނަށް ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.
އެގޮތުން 17 ވަނަ މަޖިލީހުން އެކުލަވާލި އެއްވެސް މިނިވަން މުއައްސަސާއެއް ވަކިތަނެއް ކިޔާނެ ކަމެއްނެތް، އިލެކްޝަން ކޮމިޝަން ވިޔަސް، ސިވިލް ސަރވިސް ކޮމިޝަން ވިޔަސް، އެންޓް ކޮރަޕްޝަން ކޮމިޝަން ވިޔަސް ހެޔޮ މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ބޯޑެއް ވެސް ކިޔާނެ ކަމެއް ނެތް. ކޮންމެ ތަނެއް ވެސް ނިމިގެން ދިޔައީ ފެއިލްވެގެން. ދެން އައީ ޖެހިގެން 18 ވަނަ މަޖިލިސް. 18 ވަނަ މަޖިލީހުން އެކުލަވާލި ހަމަ ކޮންމެ މުއައްސަސާއެއް ކޮންމެ ބޯޑެއް ވެސް ވަކިން ފެއިލް ވެގެންދިޔައީ. ޚާއްސަކޮށް 18 ވަނަ މަޖިލީހުގައި ވަރަށް ބޮޑަށް ގޯސްކޮށްދިޔައީ.މެމްބަރު އާޒިމް ވިދާޅުވި
ފާއިތުވެދިޔަ މަޖިލީހުން ސަރުކާރާ ދެކޮޅު ފަރާތްތަކަށް ފުރުސަތުނެތްކަން ފާހަގަކުރައްވައި މެމްބަރު އާޒިމް ވިދާޅުވީ 19 މަޖިލީހުން މަސައްކަތް ކުރަނީ އެގޮތަށް ނޫން ކަމަށާއި، ކޮމެޓީތަކުން ވެސް އިދިކޮޅު ފަރާތްތަކަށް ފުރުސަތުދޭ ކަމަށެވެ.
މެމްބަރު އާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށާއި، ބޯޑުތައް އެކުލަވާލާނީ އެންމެންގެ ބައިވެރިވުމާއެކު ކަމަށާއި، ބޭފުޅުން އައްޔަން ކުރާނީ އެންމެންގެ ހިޔާލާ ލަފާގެ ދަށުން ކަމަށެވެ. އަދި އެއީ ސުޕަ ކޮމެޓީއެއްގެ އަމާޒުކަމަށް ވެސް މެމްބަރު އާޒިމް ވިދާޅުވިއެވެ.