ގްރީންލޭންޑް ނުގަނެވޭނެކަން އެންގެވުމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ގައުމަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ.
ޑެންމާކުގެ ރާނީ، މާގްރެޓްގެ ދައުވަތަކަށް ޓްރަމްޕް ޑެންމާކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިއޮތީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ޓްރަމްޕް ވަނީ ނިމިދިޔަ ހަފްތާގައި ގްރީންލޭންޑް ބައްލަވައިގަތުމުގެ ޝައުގުވެރިކަން އޮތްކަން ފާޅުކުރައްވާފައެވެ.
ޓްރަމްޕް ގްރީންލޭންޑް ބައްލަވައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވަނީ އެގައުމުގެ ގުދުރަތީ ވަސީލަތްތަކާއި، ސަރަހައްދީގޮތުން އެގައުމު އޮންނަތަނުގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ގްރީންލޭންޑަކީ، ޑެންމާކުގައި އޮންނަ އަމިއްލަ ވެރިކަމެއް ދަމަހައްޓަމުންދާ މިނިވަން ގައުމެކެވެ.
ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސެން ވިދާޅުވީ ގްރީންލޭންޑް ބައްލަވައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށެވެ. އަދި ޓްރަމްޕް އެހެން ވިދާޅުވީ ސަމާސާއެއްގެގޮތުން ކަމަށް އޭނާ ހީކުރައްވާކަމަށްވެސް ފްރެޑެރިކްސެން ވިދާޅުވެފައިވެއެވެ.
ޑެންމާކަށް ކުރައްވަން ނިންމެވި ދަތުރު ކެންސަލް ކުރެއްވިކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ. އޭނާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޑެންމާކަކީ ހާއްސަ ގައުމެއް ކަމުގައި ވީނަމަވެސް އެގައުމުގެ ބޮޑުވަޒީރު ޓްރަމްޕަށް ދެއްވި ރައްދުގެ ސަބަބުން އެގައުމަށް ކުރައްވަން ހަމަޖެހިފައިއޮތް ދަތުރު ކެންސަލް ކުރެއްވީ ކަމަށެވެ.
ގްރީންލޭންޑަ ބައްލަވައިގަތުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރެއްވުމުން އެގައުމުގެ ބޮޑުވަޒީރު ކިމް ކެލްސެން ވިދާޅުވީ ގްރީންލޭންޑަކީ ވިއްކާނެ ތަނެއް ނޫން ކަމަށާއި ނަމަވެސް އެގައުމާއި އެހެން ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފައި ކަމަށެވެ. އަދި އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ދަތުރުފުޅު ކެންސަލް ކުރެއްވިކަން ވައިޓް ހައުސްގެ ތަރުޖަމާނުވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.