ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލައިގެ އަޑުއެހުން މާދަމަ ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި ބާއްވަ އެ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހު މެންދުރު 13:15 އަށެެވެ. މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲ ގެ އިތުރުން ފަނޑިޔާރު ޢަބްދުލްއަނީ މުހައްމަދުއެވެ.
ދީދީގެ ސުލޫކި މައްސަލައެއް ޖޭއެސްސީ އަށް ހުށައެޅި އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.
އެ މައްސަލަ ދީދީ ސުޕްރީމް ކޯޓަށް ހުށައެޅުމުން އެ ކޯޓުން ވަނީ އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފަ އެވެ. އަދި ސުޕްރީީމް ކޯޓުން މައްސަލަ ބަލައި ހުކުމެއް ކުރަންދެން އަބްދުﷲ ދީދީ ގޭގައި މަޑުކުރަން އެންގި އެންގުން ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނެވެ. އެހެންކަމުން އޭނާ ގެންދެވީ ވަޒީފާ އަށް ނިކުމެ ވަޑައިގަންނަވަމުންނެވެ.
އެކަމަކު ސުޕްރިމް ކޯޓުގެ އަމުރު ބަލައިނުގަނެ ޖޭއެސްސީން ވަނީ ދީދީގެ ތަހުގީގު ކުރިޔަށް ގެންގޮސްފައެވެ. އަދި ދީދީ މަޤާމުން ވަކިކުރުމަށް ނިންމާ، ޖޭއެސްސީން ވަނީ އެ މައްސަލަ މަޖިލީހަށް ފޮނުވުމަށް ނިންމާފަ އެވެ. މިހާރު ޖޭއެސްސީން ދީފައިވަނީ ޖަވާބުދާރީވުމަށްދޭންޖެހޭ 30 ދުވަހުގެ މުއްދަތު އެވެ. އެ މުއްދަތު ހަމަވަނީ މިމަހުގެ 26 ވަނަ ދުހަށެވެ.
ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ތަހުޤީޤުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ނުފޫޒުން މަޤާމެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ކޮށްފައިވާ މެސެޖުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން އެދިފައިވާކަން އެ މެސެޖުތަކުން ހާމަވެއެވެ.
ޖޭއެސްސީގެ ތަހުޤީޤުން އެކަން ހާމަވުމާއެކު ޣާނިޔާ އަބްދުލް ގަފޫރު ވަނީ މަޤާމުން ވަކިކޮށްފަ އެވެ.
އޭގެ އިތުރުން އޭސީސީ އަށް މީހަކު އައްޔަންކުރުމުގައި ވެސް ވަކި މީހެއްގެ ނަން އަބްދުﷲ ދީދީ "ސަސްޕެކްޓް 1" ގެ ފޯނަށް ފޮނުވާފައިވާކަން އެނގޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތް ކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ޖޭއެސްސީން ތަހުޤީޤްގައި ހާމަކޮށްފައި ވެެއެވެ.
ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤުން ހާމަވި އިތުރު ކަންތައްތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަބްދުﷲ ދީދީ އަށް ފައިސާ ދިންކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި އެމްއެމްޕީއާރްސީގެ ތަހުގީގުން ފުލުހުންނަށް ލިބިފައިވާކަން ވެސް ހާމަކޮށްފައި ވެއެވެ.