މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީޢާރުސީ)އިން ގެއްލުނު ފައިސާ ހޯދުމަށް ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ ކުރުމަށް ފާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްޕީޢާރުސީ ވަނީ އަންގާރަ ދުވަހު ހާޒިރު ކޮށްފައެވެ.
އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބު ވިދާޅުވީ އެކުންފުންޏަށް ލިބެންޖެހޭ ފައިސާތަކުގެ ތެރެއިން ޖުމްލަ 14.67 މިލިއަން ޑޮލަރު ތިން ކުންފުންޏަކުން ހޯދުމަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. ގެއްލިފައިވާ އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް ދައުވާ ކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނި ތަކަކީ އެސްއޯއެފް ޕްރައިވްޓް ލިމިޓެޑުން 10.7 މިލިއަން ޑޮލަރާއި މިލީނިއަމް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް 2.5 މިލިއަން ޑޮލަރާއި މޮންޓަލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 1.47 މިލިއަން ޑޮލަރެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހްގީގުތަކުން ދައްކާ ގޮތުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި، 57 ރަށާއި ފަޅު ދޫކޮށްގެން77.5 މިލިއަން އެމެރިކާ ޑޮލަރު ލިބެންޖެހެ އެވެ. ނަމަވެސް ލިބިފައިވަނީ12.5 މިލިއަން ޑޮލަރެވެ. ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.
އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ.