ކަޝްމީރުގައި ކުރިޔަށްދިޔަ ހަމަނުޖެހުންތަކާއި އެކު އެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔެވުން މެދުކަނޑާލައިފައި އޮތުމަށް ފަހު ހޯމަ ދުވަހު އެ ސަރަހައްދުގެ ބައެއް ސްކޫލުތަކުން ކިޔަވައިދޭން ފަށައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ސަރަހައްދުގެ ސްކޫލުތަކުން ކިޔަވައިދޭން ފެށިކަމުގައި ވިޔަސް ކިޔަވަން ސްކޫލަށް ގޮސްފައިވަނީ މަދު އަދަދެއްގެ ދަރިވަރުންނެވެ. އަދި ދަރިވަރުން ސްކޫލަށް ނުފޮނުވީ ބެލެނިވެރިންނަށް އެތަނުގެ ސަލާމަތީ ވަސީލަތް ތަކާއި މެދު ސުވާލު އުފެދޭތީ ކަމަށް އެ ނޫހުގައި ވެއެވެ.
އިންޑިއާގެ ޕީޓީއައި ނިއުސް އެޖެންސީ އިން މައުލޫމާތު ދިން ގޮތުގައި ކަޝްމީރުގައި ކިޔަވައިދޭންފަށައިފައި ވަނީ ހަމައެކަނި ސަރުކާރު ސްކޫލު ތަކުގައި ކަމަށެވެ. މީގެ އިތުރުން ޕީޓީއައި ނިއުސް އެޖެންސީއިން ބުނީ ހޯމަ ދުވަހު ކިޔެވުންފެށި ނަމަވެސް އެ ސްކޫލަށް ކިޔަވަންދިޔަ ދަރިވަރުންގެ އަދަދު މަދު ކަމަށާއި ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދޭން ފެށި ކަމުގައި ވިޔަސް ޕްރައިވެޓް ސްކޫލުތަކުގެ ކިޔެވުން އަދިވެސް ނުފަށާ ކަމަށެވެ. ކަޝްމީރުގައި 200 އަށް ވުރެ ގިނަ ސްކޫލު ހުރެއެވެ.
ބީބީސީއިން ރިޕޯޓް ކޮށްފައިވާ ގޮތުން ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވާނީ މުއާސަލާތީ ހިދުމަތްތައް ލިބެން ފެށުމުން ކަމަށެވެ.
ކަޝްމީރަކީ އިންޑިއާގައި މުސްލިމުން އެންމެ ގިނަ ސްޓޭޓެވެ.
ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް އެގައުމުގެ ގާނޫނު އަސާސީގައި ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ދިނުމަށް އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އެމާއްދާގައި ކަޝްމީރަށް ވަކި ޚާއްސަ ދިދައަކާއި ވަކި ގާނޫނު ހެދުމުގެ އިޚްތިޔާރު ދީފައި އޮތް ނަމަވެސް އެމާއްދާ އިސްލާހު ކުރުމާއި ގުޅިގެން އެ ބާރު މިހާރު އޮތީ އިންޑިއާގެ އަތުގައެވެ. އިސްލާހު ގެނައުމުގެ ކުރިން އިންޑިއާއިން ވަނީ ކަޝްމީރަށް އެތައް ހާސް ސިފައިން ފޮނުވައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައެވެ.