ކ. މާލެ
|
8 މާރޗް 2017 | ބުދަ 23:04
ވޮލިބޯލް އެސޯސިއޭޝަންގެ ރެފްރީން
ވޮލިބޯލް އެސޯސިއޭޝަންގެ ރެފްރީން
ޓްވިޓަރ
ވޮލީބޯލް
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
މުސާރައިގެ ބޮޑުބައި ވާނީ ދީފައި
ސްކޫލް މުބާރާތަކީ މުސާރަކަށް މަސައްކަތްކުރާ މުބާރާތެއް ނޫން

އިންޓަރ ސްކޫލް ވޮލީ މުބާރާތަށް ރެފްރީން ނުނިކުންނަނީ މުސާރައިގެ މައްސަލައެއް އުޅޭތީ ކަމަށް އެސޯސިއޭޝަނަށް އެނގިފައި ނުވާ ކަމަށާއި އަދި ސްކޫލް މުބާރާތުގައި ރެފްރީކަން ކޮށްދޭ ފަރާތްތަކަށް ވަކި މުސާރައެއް ކަނޑައެޅިފައި ނުވާ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވޮލީ ރެފްރީންނަށް މުސާރަ ނުދޭ މައްސަލާގައި އެ އެސޯސިއޭޝަންގެ ބައެއް ރެފްރީން ރާއްޖެއެމްވީ އަށް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ އިރު، މިކަމާ ގުޅޭ ގޮތުން ލަތީފް ވިދާޅުވީ ރެފްރީންގެ މުސާރައިގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް މީގެކުރިން  ވެސް އެނގިފައިވާ ކަމަށާއި އެހެން ނަމަވެސް ސްކޫލް ވޮލީ މުބާރާތަށް ނުނިކުންނަނީ އެއީ މުސާރައިގެ މައްސަލަ އުޅޭތީ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ލަތީފް ވިދާޅުވީ ސްކޫލް މުބާރާތަކީ ވޮލީ އަށް ލޯބި ހުންނަ ކޮންމެ ފަރާތަކަށް ވެސް ރެފްރީކަން ކުރެވިދާނެ މުބާރާތެއް ކަމަށާއި އެގޮތުން ވޮލީ ކުޅުންތެރިންނާއި ކޯޗުން އަދި ވޮލީ އާއިލާގެ ކޮންމެ މީހަކަށް ވެސް ރެފްރީކަން ކުރެވިދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ ސްކޫލް މުބާރާތަކީ ވައިޑީޕީއަށް ކުޅުންތެރިން އަހުލުވެރި ކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމަށާއި އެހެން ކަމުން މި މުބާރާތުގައި ރެފްރީކަން ކުރާނީ މުސާރައެއް އޮވެގެން ކަމަށް ނުދެކޭ ކަމަށެވެ.

ލަތީފް އިތުރަށް ވިދާޅުވީ ވޮލީ ރެފްރީންނަށް މީގެ ކުރިން މުސާރަ ނުދެވި އޮތް މައްސަލަ ފެންމަތިވުމާއެކު އެސޯސިއޭޝަނުން ވާނީ މުސާރައިގެ ބޮޑު ބައި ރެފްރީންނަށް ހަމަޖައްސައިދީފައި ކަމަށާއި އެހެން ނަމަވެސް އަދިވެސް މުސާރައިގެ ކޮންމެވެސް ވަރެއް ނުދެވި އޮތް ކަމަށެވެ. އަދި ރެފްރީނަށް މުސާރަ ދިނުމަށް ހާއްސަކޮށްގެން އެއްވެސް ފަރާތަކުން ފައިސާއެއް ލިބިފައި ނުވާ ކަމަށާއި އެގޮތުން ރެފްރީނަށް މުސާރަ ދެމުން އަންނަނީ ސްޕޮންސަރުންނާއި އަދިވެސް އެކިއެކި ފަރާތްތަކުން ލިބޭ އެހީގެ ތެރެއިން ކަމަށް ލަތީފް ވިދާޅުވި އެވެ.

ވޮލީ ރެފްރީންގެ ކަންބޮޑުވުމާ ގުޅޭ ގޮތުން ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު ވަހީދު  ވިދާޅުވީ އެ އެސޯސިއޭޝަން އަލަށް އިންތިހާބުވި ފަހުން ކޮންމެ ކުއާޓާއެއްގައި ވެސް ޔޫތު މިނިސްޓްރީން އެސޯސިއޭޝަނަށް ފައިސާ ދެމުންދާ ކަމަށާއި އަދި ރެފްރީންނަށް ފައިސާ ނުދެވި އޮތް ސަބަބު އެނގޭނީ އެސޯސިއޭޝަންގެ ރައީސަށް ކަމަށެވެ.

އިއްޒަތު ވިދާޅުވީ ގައުމީ ޓީމުގެ ތަމްރީން ދަތުރުތަކާއި މުބާރާތްތަކަށް ފައިސާ ހޯދުމަށް އެދުމުން ޔޫތު މިނިސްޓްރީން ފައިސާ ދޫކުރި ކަމަށެވެ. އެގޮތުން އެކަންތައްތަކަށް ފައިސާ ހަރަދު ކުރުމަށްފަހު ވެސް ރެފްރީނަށް ފައިސާ ދޫނުކޮށް އޮތް އޮތުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިއްޒަތު ވިދާޅުވީ ސްކޫލް މުބާރާތަށް ރެފްރީން ނުނިކުމެ ތިބީ މުސާރައިގެ މައްސަލައިގައި ކަމަށް ހުދު އެބޭފުޅާގެ ގާތުގައި ރެފްރީން ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން ހައްލުކުރަން އެސޯސިއޭޝަންގެ ރައީސް އަދިވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

އަލަށް އިންތިހާބުވި ވޮލީ އެސޯސިއޭޝަންގެ ތެރޭގައި ބައެއް ކޯޅުންތައް ހުރި އިރު، ބައެއް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރީ ދައުރުގެ ގިނަ ފަރާތްތަކެއް މިހާރުގެ ބޯޑުގެ ތެރޭގައި އިސްދައުރެއް އަދާކުރައްވާ އިރު، އަލަށް އިންތިހާބުވި ބޯޑުގެ ބައެއް މެމްބަރުން މަގާމުތަކުން ދުރަށް ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް