ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއިބެހޭ ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ ގަރާރު ތަޅުމުން ބޭރު ކޮށްލާފައިވަނީ މަޖިލީހުގެ 61 މެމްބަރުންގެ ވޯޓުންނެވެ. ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި ބިލް ހުށަހެޅުއްވި މެމްބަރު ޖާބިރުވެސް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެމްބަރު ޖާބިރު މި ގަރާރު ތަޅުމަށް ހުށަހަޅުއްވަމުން ވިދާޅުވީ، ގެއްލުމުގައި ހިންގަމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮބާތޯ ބަލާ އެ ކުުންފުނިތަކުން ލިބެމުން އަންނަ ގެއްލުންތަކުން ސަރުކާރާއި ރައްޔިތުން ސަލާމަތްކުރުން މުހިއްމު ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
މެމްބަރު ޖާބިރު ވިދާޅުވީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް މިލިއަނުން ބޮޑު ނަމަވެސް އެ ކުންފުނިތައް ހިންގަމުން ގެންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އޭރެއްގައި އޮންނަ ސަރުކާރަކަށް ތާއީދު ހޯދުމުގެ ގޮތުންކަމަށެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އަށް ގެއްލުން ލިބޭއިރު ހަމަ މި ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތަކަށް ދަނީ މިލިއަނުން ފައިދާވަމުންކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި މޯލްޑިވްސް ޓޫއަރިޒްމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވެސް ލިބެމުންދަނީ ގެންލުންކަން ފާހަގަ ކުރައްވަމުން މެމްބަރު ވިދާޅުވީ އެ ކުންފުނިން ހިއްސާ ގަނެފައިވާ އެތައް ރައްޔިތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި، ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތަކަށް ފައިދާވަމުންދާ ކަމަށެވެ.
ޖާބިރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތަކަށް އަހަރުން އަހަރަށް ލިބެމުން އަންނަ ގެއްލުންތަކަށް ސަރުކާރުން ޒިންމާވެ، މި ދަރަނިތައް ދެއްކުމަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.