ރ. މަޑުއްވަރީން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް ފަސްދޮޅަސް ލާރިއަށް ކަމަށާއި، ދިގުމުއްދަތަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ފަސްދޮޅަސް ލާރި އަށްވުރެ ކުޑަ އަގުގައި ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ ކުލި މުރާޖާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
މަޑުއްވަރީ ކައުންސިލުން ބުނީ "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" އިން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދު "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގައި ވާގޮތުގެ މަތިން ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި ލޭންޑް ވެލުއޭޝަން ކޮމެޓީން ކަނޑައަޅާފައިވާ ކަމަށެވެ.
މަޑުއްވަރީން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 0.60 (ފަސްދޮޅަސް ލާރި) ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މިހާރު ދޫކޮށްފައިވާ ވަގުތީ ކުލީ ބިންތަކުގެ ތެރެއިން 0.60 (ފަސްދޮޅަސް ލާރި)އަށްވުރެ ކުޑަ އަގުގައި ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު އަލުން އައުކޮށް ދެވޭނީ ނުވަތަ އައު ބިމެއް ކުއްޔަށް ދޫކުރެވޭނީ އެންމެ ކުޑަމިނުން 0.60 (ފަސްދޮޅަސް ލާރި) ގެ ރޭޓުން ކަމަށެވެ.
ދިގުމުއްދަތަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 0.60 (ފަސްދޮޅަސް ލާރި) އަށްވުރެ ކުޑަ އަގުގައި ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ ކުލި މުރާޖާކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.