ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.
މި މެޗު އެޓްލެޓިކޯއިން ކާމިޔާބު ކުރީ ގެޓާފޭ އާއި ވާދަކޮށް 1-0 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމަ އެކަނި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އެޓްލެޓިކޯއަށް ކާމިޔާބު ކޮށްދިނީ މޮރާޓާއެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ޓްރިޕަރ ގެ އެހީތެރިކަމާއި އެކުގައެވެ. ލަނޑަށް ފަހު ވެސް އެޓްލެޓިކޯއިން ވަނީ ގެޓާފޭގެ ހާފަށް ބާރުބޮޑު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ރަތް ކާޑު ފެނިގެން ދިޔަ އިރު ފުރަތަމަ ރަތް ކާޑު ދެއްކީ ގެޓާފޭގެ ޖޯރޖްއަށެވެ. ޖޯރޖް އަށް ރަތް ކާޑު ދެއްކިތާ ހަތަރު މިނިޓު ފަހުން އެޓްލެޓިކޯގެ ރެނަން އަށް ވަނީ ދެ ރީދޫ ކާޑު ހަމަވުމުން ރަތް ކާޑު ދައްކައިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ވެސް އެޓްލެޓިކޯއިން ވަނީ ގެޓާފޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. މި ހަމަލާތަކުގެ ހުރަހަކަށްވީ ގެޓާފޭގެ ކީޕަރުގެ އިތުރުން އެޓީމުގެ ޑިފެންޑަރުންނެވެ. މި ހާފުގައި އެޓްލެޓިކޯއިން ވަނީ ލިބުނު ޕެނަލްޓީގެ ފުރުސަތު ބޭކާރު ކޮށްލައިފައެވެ. މޮރާޓާ ޖެހި ޕެނަލްޓީ ގެޓާފޭގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.