ފްރާންސްގެ ލީގުގައި ޕީއެސްޖީއިން ކުޅުނު ދެވަނަ މެޗަށް ނެގި ސްކޮޑުން ވެސް ބްރެޒިލްގެ ތަރި ނޭމާ ބާކީކޮށްފިއެވެ.
ލީގުގެ ފުރަތަމަ މެޗުގައި ނިމްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ނޭމާއަށް ފުރުސަތު ދީފައިނުވާއިރު އޭނާ ހޯދުމަަށް ސްޕެއިންގެ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް މި ކްލަބުން ކުރި އެއްވެސް ބިޑެއް ޕީއެސްޖީއިން ބަލައިގެންފައެއް ނުވެއެވެ.
ރެނޭސްއާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ނޭމާއަށް ސްކޮޑުން ފުރުސަތު ދީފައިނުވަނީ އޭނާ އެއްކޮށް ފިޓު ނުވުމުން ކަމަށެވެ. އޭނާ ބުނީ ނޭމާގެ ކުރިމަގާ މެދު ވަކި ގޮތެއް ނިމިފައިނުވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ނޭމާއަކީ ޕީއެސްޖީއަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.
ޕީއެސްޖީގެ ޕްރީ ސީޒަން އެއްވެސް މެޗެއްގައި އޭނާ ކުޅެފައިނުވާއިރު ފްރެންޗް ސުޕަރ ކަޕް ޕީއެސްޖީއިން ކުޅުނު މެޗުގައި ވެސް އޭނާއަށް ޓީމުން ޖާގަ ދީފައިނުވެއެވެ.
ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.
ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 58 މެޗުގައި 51 ލަނޑު ކާމިޔާބު ކޮށްފައެވެ.
ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ.