މެންޗެސްޓާ ސިޓީގެ ކޯޗު އަދި އެޓީމުގެ ކުޅުންތެރިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕަރސްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު މެޗުގެ އެންމެ ފަހު މިނެޓުގައި ސިޓީގެ ގެބްރިއެލް ޖީސަސް ޖެހި ލަނޑު ވީއޭއާރުއިން ބެލުމަށް ފަހު ލަނޑެއް ނޫން ކަމަށް މެޗުގެ ރެފްރީ ވަނީ ނިންމާފައެވެ. މި ނިންމުން އެގޮތަށް ނިންމީ ޖީސަސްއަށް ބޯޅަ ލިބުމުގެ ކުރިން ސިޓީގެ އެމެރިކް ލަޕޯޓް އަތުގައި ބޯޅަ ޖެހުނުތަން ވީޑިއޯއިން ފެނުމާއި ގުޅިގެންނެވެ. މި މެޗު އެއްވަރުވުމާއެކު ސިޓީއަށް ދެ ޕޮއިންޓް ގެއްލުނުއިރު ސިޓީގެ ކުޅުންތެރިން ވަނީ ދަނޑުމަތީގަ އާއި ސޯޝަލް މީޑިއާގައި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މެޗު ނިންމާލުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކޮންމެ ގޮތަކަށް ރެފްރީ ނިންމުން ނިންމި ނަމަވެސް ގަބޫލުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެއީ ވަރަށް ހިތްދަތި ނިންމުމެއް ކަމަށެވެ. ގާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި ރޮޑްރީއަށް ޓޮޓެންހަމްގެ ލަމޭލާ ކުރި ފައުލްއަކީ ޕެނަލްޓީއެއް ކަމަށާއި އެ ނިންމުން ވީއޭއާރަށް ނުފެނުމުން ހައިރާންވާ ކަމަށެވެ.
ސިޓީގެ މިޑްފީލްޑަރު އިކޭ ގުންޑޮގާން ބުނީ ވީއޭއާރުގެ ނިންމުން ބަލައިގަންނަން ވަރަށް އުނދަގޫ ކަމަށާއި ބައެއް ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މި މެޗު ވެގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސް އަތުން އަމިއްލަ ދަނޑުގައި ބަލިވި ފަހުން ސިޓީއަށް އަމިއްލަ ދަނޑުގައި ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗަށެވެ. މެޗު ނިމުމާއެކު ސިޓީގެ ސަޕޯޓަރުން ވެސް ވަނީ ވީއޭއާރާ ދެކޮޅަށް ސްޓޭޑިއަމް ތެރޭގައި ނުރުހުން ފާޅުކޮށްފައެވެ.
މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުންވެސް ސިޓީ ކެޓީ ވީއޭއާރުން ނިންމި ނިންމުމަކާއެކުއެވެ. އެ މެޗުގައި ވެސް ޓޮޓެންހަމްއާ ދެކޮޅަށް ސިޓީ ކުޅުނު އިރު އެމެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސިޓީގެ ސްޓާލިން ޖެހި ލަނޑު ލަނޑެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގައި ސިޓީ އަދި ޓޮޓެންހަމްވެސް ދެ މެޗު ކުޅެފައިވާއިރު ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓްއެވެ. އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ނިއުކާސަލްއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނައިރު ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.