ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ސައުތުހެމްޕްޓަންއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ސައުތުހެމްޕްޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ވަނީ ސައުތުހެމްޕްޓަންގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއްވެސް ފޮނުވާލައިފައެވެ.
މި ހާފްގައި ސައުތުހެމްޕްޓަންގެ ފަރާތުންވެސް ހަމަލާތަކެއް ފެނުނުއިރު، ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމުން ހިފާފައެއް ނުވެއެވެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިވަޕޫލުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ޖޭމްސް މިލްނާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާޑިއޯ މާނޭއެވެ.
ދެވަނަ ހާފް ފެށިގެން ލިވަޕޫލުން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ލަނޑު ޖެހުމަށް ވެސް ފުލުފުލުގައި އެޓީމުން ވަނީ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ.
ލިވަޕޫލުން ލީޑު ފުޅާކުރީ 71 ވަނަ މިނެޓުގައެވެ. މި ލަނޑު މާނޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯއެވެ. އޭނާއަށް ވަނީ މި ލަނޑަށްފަހު ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗު ނިމުމުގެ ކުރިން ސައުތުހެމްޕްޓަން އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 84 ވަނަ މިނެޓުގައި އިންގްސް ވަނީ ކާމިޔާބު ކޮށްފައެވެ. އޭނާއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ލީގުގައި އަންނަ ހޮނިހިރު ދުވަހު ލިވަޕޫލް ނިކުންނާނީ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށެވެ. އަދި ހަމަ އެދުވަހު ސައުތުހެމްޕްޓަން ނިކުންނާނީ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ބާންލީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު ޑެނީ ކެބަލޮސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ.
މި ލަނޑަށްފަހު ވެސް އާސެނަލްއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި މި ހާފްގައި ފަހުން ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާންލީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 45 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބާނެސްއެވެ.
ދެވަނަ ހާފް ފެށިގެން ވެސް އާސެނަލްއިން މޮޅަށް ކުޅުނުއިރު، ބާންލީގެ ޑިފެންސް ފޫއަޅުވާލަން އެޓީމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.
ނަމަވެސް މެޗު ނިމުމުގެ ކުރިން އާސެނަލްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް އަނބުރާ ލީޑު ހޯދައިފައެވެ. މި ލަނޑު ކަބެލޮސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެމެރިކް އޮބަމަޔަންގއެވެ.
ލީގުގައި އާސެނަލް ކުޅޭ މެޗުގައި ނިކުންނާނީ މާސެސައިޑްއާ ދެކޮޅަށެވެ. އަދި ބާންލީ ނިކުންނާނީ ރަށުން ބޭރުގައި ވޮލްވްސްއާ ދެކޮޅަށެވެ.