ނޭވާލުމަށް ދަތިތަކެއް ދިމާވެގެން އިންޑިއާގެ ވެރިރަށް ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓްސް އޮފް މެޑިކަލް ސައިންސް (އެއިމްސް) ގެ އައިސީޔޫ ގައި ފަރުވާދެމުންދާ އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ މިހާރު އޮންނެވީ ލައިފް ސަޕޯޓްގައި ކަމަށް ރިޕޯޓް ކޮށްފިއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ޖެއިޓްލީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މީގެ ކުރިން އެއިމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު އެއިމްސްއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މިހާރު ޖެއިޓްލީ އޮންނެވީ އެކްސްޓްރާ ކޯޕްރިއަލް ލައިފް ސަޕޯޓްގައެވެ. ލައިފް ސަޕޯޓްގައި ބާއްވަނީ ދިރިހުރުމަށް ހިތާއި މެއަށް އެކަށީގެންވާ ގޭސް ފޯރުކޮށް ނުދެވޭތީއެވެ. އުމުރުން 66 އަހަރުގެ ޖައިޓްލީ އަށް ފަރުވާދޭން ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވެއެވެ.
ވެރިކަން ކުރާ ބާރްތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވެ ވަޑައިގަންނަވާ ޖައިޓްލީގެ ހާލު ބެއްލެވުމަށް ބޮޑު ވަޒީރު މޯދީ، ރައީސް ރާމްނާތް ކޯވިންދުގެ އިތުުރުން ބީޖޭޕީގެ އިސްވެރިން ވަނީ ޒިޔާރަތް ކުރައްވާފައެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖައިޓްލީ އަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ދައުރުގައި ކެބިނެޓްގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މި އަހަރު ބޭއްވި ލޮކް ސަބާގެ އިންތިހާބުގައ ވާދަނުކުރެއްވީ އޭނާގެ ބަލި ހާލަތު ތަން ނުދޭތީއެވެ.