ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އަކީ ރެއާލް މެޑްރިޑްގެ މިވަގުތު އޮތް ސްކޮޑަށް މުހިންމު ކުޅުންތެރިޔެއްކަމަށް އެޓީމުގެ ކޯޗު ޒިދާން ބުނެފިއެވެ.
ރެއާލް މެޑްރިޑްއިން މި ޓްރާންސްފަރ މާކެޓްގައި ވިއްކާލާނެ ކަމަށް ރޮޑްރިގޭޒް ބެލެވުނެވެ. އެގޮތުން ރޮޑްރިގޭޒް ނަޕޯލީ އާއި ގުޅެން އުޅޭ ހަބަރު މީޑިއާ ތަކުގައި ފެންމަތިވި ނަމަވެސް ޒިދާން ބުނީ އޭނާއާއި ރޮޑްރިގޭޒް އާއި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި ރޮޑްރިގޭޒް އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.
މީގެ އިތުރުން ޒިދާން ބުނީ މި ވަގުތު ރެއާލް ގައި އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި ސްކޮޑްގެ ބޭނުން އޭނާ ހިފާނެކަމަށެވެ.
ރެއާލުން ވަނީ އެޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފައެވެ. އެގޮތުން ބެލްޖިއަމްގެ ފޯވާޑް ހަޒާޑްގެ އިތުރުން ލުކާގެ ސޮއި ރެއާލުން ވަނީ ހޯދައިފައެވެ.
މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.
ބަޔާން އަށް ކުޅުނު 67 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބު ކޮށްފައެވެ.
ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 72 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.