ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 01:18
ދިރާސާ ކުރުމަށް ސްނޯ، ފުޅިއަށް އަޅާފައި
ދިރާސާ ކުރުމަށް ސްނޯ، ފުޅިއަށް އަޅާފައި
އާރްކްޓިކް
އަރކްޓިކްއަށް ވެހޭ ސްނޯގައި ޕްލާސްޓިކު ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފި
އާރްކްޓިކްއަށް ވެހޭ ސްނޯގައި، ގިނަ އަދަދަކަށް މައިކްރޯސްކޯޕިކް ޕްލާސްޓިކް ހިމެނޭ
ކޮންމެ ސްނޯ ލީޓަރެއްގައި 10،000 ޕްލާސްޓިކްގެ މާއްދާ ހިމެނޭ
ނޭވާލާއިރު، މައިކްރޯޕްލާސްޓިކް ހަށިގަނޑަށް އެތެރެވުން އެކަށީގެންވޭ

އަރކްޓިކްއަށް ވެހޭ ސްނޯގައި ޕްލާސްޓިކު ހިމެނޭ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ސައިންޓިސްޓުން ކުރި ދިރާސާތަކުން ސާބިތުވި ގޮތުގައި، އަރކްޓިކްއަށް ވެހޭ ސްނޯގައި، ގިނަ އަދަދަކަށް މައިކްރޯސްކޯޕިކް ޕްލާސްޓިކް ހިމެނެއެވެ.

ކޮންމެ ސްނޯ ލީޓަރެއްގައި 10،000 ޕްލާސްޓިކްގެ މާއްދާ ހިމެނޭ ކަމަށް ސައިންޓިސްޓުން ވަނީ ކަށަވަރު ކޮށްދީފައެވެ. ހުދު އެމީހުންވެސް ތިބީ އެމީހުންނަށް ފެނުނު މަންޒަރުން ހައިރާންވެ އަންތަރީސްވެފައެވެ.

މިކަމުގެ ސަބަބުން އެކި ދިރުންތަކަށް ގެއްލުންތައް ކުރިމަތި ކުރުވާނެ ކަމަށް ބެލެވޭއިރު، އިންސާނުންނަށްވެސް މީގެ ސަބަބުން ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. މިކަމުގެ ސަބަބުން އާރކްޓިކްގައި އުޅޭ މީހުން ނޭވާލާއިރު، މައިކްރޯޕްލާސްޓިކް ހަށިގަނޑަށް އެތެރެވުން އެކަށީގެންވެއެވެ. ނަމަވެސް މީގެ ސަބަބުން ލިބިދާނެ ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ.

ސައިންޓިސްޓުން ވަނީ އެސަރަހައްދަށް ވެހޭ ސްނޯގައި ޕްލާސްޓިކްގެ އިތުރުން ފައިބަރވެސް ހިމެނޭ ކަމަށް ބުނެފައެވެ. އެމީހުން ރީސާޗުތައް ކޮށްފައިވަނީ ސްވަލްބަރ އައިލެންޑްސް ގެ ސްނޯ ސާމްޕަލްތަކެއް ނެގުމަށްފަހުއެވެ.

މި ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ސައިންޓިސްޓު ކަމަށްވާ މެލަނިން ބަރގްމަން އާއި ހަވަލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންމެވެސް ވަރަކަށް އެ ސަރަހައްދުގެ ވައިގައި ނުސާފުކަމެއް ހުންނާނެ ކަމަށް ސައިންޓިސްޓުން ލަފާކުރިއެވެ. ނަމަވެސް އެހާ ގިނަ އަދަދަކަށް ޕްލާސްޓިކްގެ ބައިތައް ފެނުމަކީ އެމީހުން ވެސް ހައިރާން ކޮށްލި ކަމެކެވެ.

"އަދި ނޭންގެ މި ޕްލާސްޓިކްގެ ބައިތަކަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ކަމެއް ނުވަތަ ނޫންކަމެއް ވެސް، އެކަމަކު އަހަރެމެން އެބަޖެހޭ މިހާރަށްވުރެ ރަނގަޅަށް ތިމާވެށި ބަލަހައްޓަން"

ސައިންޓިސްޓުން ގަބޫލު ކުރާ ގޮތުގައި ސްނޯގެ ތެރޭގައި ޕްލާސްޓިކް ހިމެނެނީ އިންސާނުން ބޭނުންކުރާ ޕްލާސްޓިކް، ވައިގެ ޒަރިއްޔާއިން ޖައްވުގެ ތެރެއަށް އަރައިގެން ދިއުމުގެ ތެރޭގައެވެ.

މި ދިރާސާގެ ތެރޭގައި ޖަރުމަނު ވިލާތާއި ސްވިޒަލެންޑުގެ ސްނޯ ސާމްޕަލްސްވެސް ނަގާފައިވެއެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ ޖަރުމަނު ވިލާތުގެ ބައެއް ހިސާބުތަކުން ނެގި ސާމްޕަލްތަކުގައި އާރކްޓިކްގެ ސަރަހައްދުތަކަށްވުރެވެސް އިތުރަށް ޕްލާސްޓިކްގެ ބައިތައް ހިމެނޭ ކަމެވެ.

- ކޮމެންޓް