ރަހުމަތްތެރިކަމުގެ މެޗެއްގައި ފަހަތުން އަރައި ރާއްޖޭގެ ވޮލީ ޓީމުގެ މައްޗަށް ލަންކާ ވޮލީ ޓީމު ކުރިހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ލަންކާ މޮޅުވީ ފަހަތުން އަރައި ތިން ސެޓު އެއް ސެޓުންނެވެ.
ސޯޝަލް ސެންޓަރގައި އެތައް ސަތޭކަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް ފޯރިގަދަ ކުޅުމަކަށްފަހު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ރާއްޖެއިން މި ސެޓް ގެންދިޔައީ 20-25 އިންނެވެ.
ދެވަނަ ސެޓްގައި ލަންކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ މި ސެޓް ފަސޭހަކަމާއެކު 15-25 އިން ކާމިޔާބުކޮށްފައެވެ. މި ސެޓުގެ ފަހުވަގުތު ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާ ޕޮއިންޓްތަކެއް ހޯދާފައެވެ.
ތިންވަނަ ސެޓްގައިވެސް ލަންކާ ވަރުގަދަކޮށް ފެނުނުއިރު، މި ސެޓް އެޓީމުން ގެންދިޔައީ 15-25 އިންނެވެ. މި ސެޓުގައިވެސް ރާއްޖެއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ.
ހަތަރުވަނަ ސެޓް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، ދެޓީމުންވެސް ވަނީ މި ސެޓުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި ސެޓުގައި ރެފްރީގެ ނިންމުންތަކާ ލަންކާގެ ފަރާތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއިރު، މި ސެޓް އެޓީމުން ގެންދިޔައީ 22-25 އިންނެވެ.
މި މެޗު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އދ. ގެ ޔޫތު އެންވޯއި ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ ސޯޝަލް ސެންޓަރަށް ވަޑައިގެންނެވިފައެވެ. އަދި މި މެޗު ބެއްލެވުމަށް ގިނަ އަދަދެއްގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ދިވެހި އެތައް ރައްޔިތުންނެއެއް ހާޒިރުވިކަން ފާހަގަކޮށްލެވެއެވެ.
ލަންކާއާ ދެކޮޅަށް ރާއްޖެއިން ވަނީ ހޯމަ ދުވަހުގެ ރޭ ވެސް މެޗެއް ކުޅެފައެވެ. އެ މެޗުން ރާއްޖެ ތިން ސެޓުން ވަނީ ބަލިވެފައެވެ. އެ މެޗަކީ ފަރިތަކުރުމުގެ ގޮތުން ކުޅުނު މެޗެކެވެ.
ލަންކާއާ ދެކޮޅަށް ރާއްޖެ ޖުމްލަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ބުދަ ދުވަހުގެ ރޭވެސް ފަރިތަކުރުމުގެ ގޮތުން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅޭ މި ރަހުމަތްތެރިކަމުގެ މެޗުތަކަކީ ކުރިޔަށް އޮތް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ކުޅޭ މެޗުތަކެކެވެ.