Advertisement
ކ. މާލެ
|
8 މާރޗް 2017 | ބުދަ 18:22
މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހަޅުއްވަން ވަޑައިގެންނެވި މެންބަރޔުނ
މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހަޅުއްވަން ވަޑައިގެންނެވި މެންބަރޔުނ
ރާއްޖެ އެމްވީ
މަޖިލިސް ރައީސްގެ އިތުބާރު
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
ބޮޑު މެޖޯރިޓީއެއް އެބައޮތް، އެ މަންޒަރު ފެންނާނެ
މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށް ޝަކުވާ ކުރޭ
ހުވަޔާ އެއްގޮތަށް މަސައްކަތްތަކެއް ނުކުރެވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުން މިހާރު ލާޒިމްވެފައިވާ ކަމަށާއި، ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

 

މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ މަސީހުގެ މައްސަލަ ހުށަހަޅަންޖެހުނީ މަޖިލީހުގެ މަސައްކަތްތައް ގޯސްކޮށް ކުރިއަށް ގެންދާތީ އެކަންތައްތަކަށް ހައްލެއް ހޯދުމަށް އެތައް މަސައްކަތްތަކެއްކޮށް ނާކާމިޔާބުވުމުން ކަމަށެވެ.

 

ފާރިސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެތައް ގިނަގުނަ ގާނޫނުތަކެއް ހަދަން ހުރި ނަމަވެސް، ފެނިގެންދަނީ ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ދޭހަވާ ގޮތަށް ޖަލްސާތައް ބޭއްވުން ލަސްކޮށް ފަސްކުރަމުންދާތަން ކަމަށެވެ.

 

ފާރިސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމަށް މަޖިލީހުގެ މެންބަރުންނާއި މަޖިލިހުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ނުގެންދެވި ވަކި ހިސާބަކުން ހުރަސްއެޅި މަސައްކަތް ވެސް ނުކުރެވޭ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވުމަށް މެންބަރުންނަށް ދެއްވާ ފުރުސަތުތައް ސިޔާސީ ފިކުރުގެ ދަށުން ކޮންޓްރޯލް ކުރަމުންދާ ކަމަށް ފާރިސް ވިދާޅުވި އެވެ.

 

ފާރިސް ވިދާޅުވީ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ އެއަށް އަމަލުކުރުން ހުރިހާ ރައްޔިތުންނަށް ލާޒިމްކުރާ އެއްޗަކަށްވާއިރު، ފެނިގެން ދަނީ ގާނޫނުތައް ހެދުމުގައި އެކަށީގެންވާ ވަގުތު ނުދެއްވުމާއި، ބަހުސްކޮށް މަޝްވަރާކުރުމަށް ފުރުސަތު ނުދެއްވުމާއި، އަވަސް އަރުވާލައިގެން ކޮމެޓީގެ މަސައްކަތްތަކާއި ތަޅުމުގެ މަސައްކަތްތައް ވެސް ނިންމަމުންދާތަން ކަމަށެވެ.

 

މީގެ އިތުރުން ފާރިސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރެވިއްޖެނަމަ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި، ގާނޫނު އަސާސީއާއި ގާނޫނުތަކުން މަޖިލީހަށް ލާޒިމްކުރާ ހުރިހާ މަސައްކަތެއް އެންމެ ފުރިހަމަ ގޮތެއްގައި ކުރެވޭނެ ކަމަށެވެ.

 

ފާރިސް ވިދާޅުވީ ހުރިހާ ޕާޓީތަކެއް ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުކޮށް، މަޖިލީހަކީ ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ތަނަކަށް ހަދައި، މެންބަރުންނަކީ މެންބަރުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މެންބަރުންތަކެއްގެ ގޮތުގައި މި ދައުރުގެ ތެރޭގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

 

ފާރިސް ވިދާޅުވީ މަޖިލީހުގެ ތެރޭގައި މިހާރު ކަންތައްތައް ހިނގާގޮތާ މެދު ގިނަ މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށް ޝަކުވާ ކުރަމުންދާ ކަމަށެވެ. އަދި ހުވަޔާ އެއްގޮތަށް މަސައްކަތްކުރަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ހުރިހާ މެންބަރުން ވެސް އެއްބަސްވެލައްވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

 

ފާރިސް ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލަ ކާމިޔާބު ކުރުމަށް މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އެބައޮތް ކަމަށާއި، އިތުބާރުގެ މައްސަލައިގައި ވޯޓްލާ ދުވަހު އެ މަންޒަރު ފެނިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް