ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރަގީބު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ލަފާ ދީފިއެވެ.
ހަސަން ސައީދު ވަކިކުރަން ނިންމައި ޖޭއެސްސީއިން ބޭއްވި ބައްދަލުވުމަށް ފަހު އެކޮމިޝަނުން ބުނީ އޭނާގެ މައްޗަށް ހުށައަޅާފައިވާ ޝަކުވާތައް ސާބިތު ވާކަމަށެވެ.
ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީއިން ބަލާފައިވަނީ މީޑިއާ ކުރިމަތީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ޖޭއެސްސީއިން ބެލި ހަސަން ސައީދުގެ މައްސަލަތަކުގައި ފެމެލީ ކޯޓުގެ މުއައްޒަފުން ހުށައެޅި ޝަކުވާތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެ ކޯޓުގެ ރެޖިސްޓްރަރއާއި މުޚާތަބު ކުރައްވާއިރު ނަފްސަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަވާކަމުގެ ޝަކުވާ އާއި ފެމެލީ ކޯޓުގެ މުވައްޒަފަކު އެކޯޓުގެ އިސްގާޒީ ބިއުރޯގެ ފަރާތަކާއި ގުޅިހެން ހުށައެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން އެމައްސަލަ ނުބެލުމަށް އެދުނުކަމުގެ ޝަކުވާ ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ. ޖޭއެސްސީގެ ތަހުގީގުގައި ހަސަން ސައީދު ވަނީ ފެމެލީ ކޯޓުތެރޭގައި ހައްޖު ގުރޫޕުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާ ބުނުމަކީ ތެދެއްކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ސަސްޕެންޑްކުރިއެވެ. އަދި އޭނާއާ ދެކޮޅަށް ރެޖިސްޓްރާ އަހްމަދު ހެކިބަސް ދެއްވި ކަމަށް ބުނާ މައްސަލައެއްގައި ހޫނުވެފައިވާކަމަށް ބުނެވެއެވެ.
ހަސަން ސައީދުގެ އިތުރުން ރާގިބު އަހުމަދު ވެސް މަގާމުން ވަކިކުރަން ޖޭއެސްސީއިން ވަނީ މަޖިލީހަށް ލަފާ ދިނުމަށް ހުށައެޅުމަށް ނިންމާފައެވެ.
ޖޭއެސްސީއިން އެ ދެ ފަނޑިޔާރުން ވަކި ކުރަން ނިންމި ރިޕޯޓަށް ޖަވާބުދާރީވުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެދެފަނޑިޔާރުން ވަކި ކުރަން ނިންމީ ކީއްވެ ކަމެއް ޖޭއެސްސީއިން ހާމަ ކޮށްފައެއް ނުވެއެވެ.
ގާނޫނު ބުނާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީއިން އެކަން ނިންމައި މަޖިލީހަށް ފޮނުވުމަށް ފަހު ވަކިކުރުމަށް ފެންނަ ނުފެންނަ ވޯޓަކުންނެވެ.