Advertisement
ކ. މާލެ
|
8 އޯގަސްޓް 2019 | ބުރާސްފަތި 08:00
ނީޒާ އިމާދު
ނީޒާ އިމާދު
ޝުއައިބް މުހައްމަދު އިގްބާލް
އެމްއެމްއޭ
ގަވަރުނަރުކަން ނުދެއްވީ ރައީސް ޔާމީންގެ "އެކައުންޓް ކޮޅާ" މީހެއް ކަމަށް ބުނެ: ނީޒާ
އޭރު ސަރުކާރާއި އިދިކޮޅު ފަރާތެއްކަމަށް ބޭރުތެރެއިން އަޑުތައް އިވުނު
ނީޒާ މަގާމުން އިސްތިއުފާ ދެއްވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު
އޭނާއަކީ މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރަކަށް ހަމަޖައްސެވުމަށް ނިންމެވުމަށް ފަހު ނަން އަނބުރާ ނެންގެވީ އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "އެކައުންޓް ކޮޅާ" މީހެއް ކަމަށް ބުނެ ކަމަށް ނީޒާ އިމާދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީއަށް ބުދަ ދުވަހު ވަޑައިގެން ވާހަކަ ދައްކަވަމުން އެމްއެމްއޭގައި ކުރިން އެސިސްޓެންޓް ގަވަރުނަރަކަށް ހުންނެވި ނީޒާ އިމާދު ވިދާޅުވީ އޭނާގެ ނަން މަޖިލީހަށް ފޮނުވުމަށްފަހު އަނބުރާ ގެންދެވީ ކީއްވެ ކަމެއް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.

Advertisement

30 އަހަރަށްވުރެ ދިގު މުއްދަތަކަށް އެމްއެމްއޭގައި މަސައްކަތް ކުރެއްވި ނީޒާ ގަވަރުނަރުކަމަށް އައްޔަން ކުރެއްވުމަށް ނަން މަޖިލީހަށް އޭރު ފޮނުވީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަޒީމާ އާދަމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނީޒާ ވިދާޅުވީ އޭނާ ގަވަރުނަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީނަށް ނަން ހުށައެޅުއްވީ އަޒީމާ ކަމަށެވެ.

އޭރު ގަވަރުނަރުކަމުގައި ހުންނެވި އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުގެ ކުރިން އަޅުގަނޑުމެންގެ މެނޭޖްމެންޓާއި ބައްދަލު ކުރެއްވި. ބައްދަލު ކުރައްވާފަ ނުކުމެވަޑައިގެން އަޅުގަނޑާއި ބައްދަލުކުރައްވާ ވިދާޅުވި ތިމަންނަ މިދަނީ މިއަދު ރައީސް ޔާމީން އަރިހު އިސްތިއުފާ ދޭންށޭ. ތިމަންނަ އެތަނަށް ދިއުމުން ވިދާޅުވާނޭ އެމްއެމްއޭގައި އެބަހުރި ހެއްޔޭ އެކަން ކުރެވޭ ވަރުގެ މީހެއް. ތިމަންނައަށް ފެންނަ މީހެކޭ ނީޒާ ތީ. އެހެންވީމަ ނީޒާ އެޕޮއިންޓް ކުރަންހޭ. އަޅުގަނޑު ފުރަތަމަވެސް ދެންނެވީ ވެސް ނޫނެކޭ. ނަމަވެސް އެމްއެމްއޭ ތެރޭގައި މީހަކު ނެތޭ ބުނުއްވަނީ އަޅުގަނޑުމެންނަށް ވާނެކަން އެނގިހުރެ އެހާރަނގަޅުކަމެއް ވެސް ނޫން. އެހެންވީމަ އަޅުގަނޑު ދެންނެވިން އަޒީމާ ކައިރީ އަޅުގަނޑު ދެންނެވިން އައްސަވައިފިއްޔާ ދަންނަވާށޭ އަޅުގަނޑަށް ކުރެވޭނެޔޭ.
ނީޒާ އިމާދު

ގަވަރުނަރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން ކަންތައްތައްވީ ގޮތް ކިޔައިދެއްވުމުން ނީޒާ ވިދާޅުވީ އަޒީމާ އިސްތިއުފާ ދެއްވުމަށްފަހު އޮފީހަށް ވަޑައިގެންނެވިތަނާ އޭނާގެ ސީވީ ހުށައެޅުއްވުމަށް އެދި ރައީސް އޮފީހުން ފޯނެއް އައިކަމަށެވެ. އަދި ރައީސް އޮފީހުގެ އެދުމުގެ މަތިން އޭނާގެ ސީވީ ހުށައެޅުއްވިކަމަށް ވެސް ވިދާޅުވިއެވެ.

ފަޓާސް ބަރިއެއްހެން އަޅުގަނޑުގެ ނަން ފޮނުވީ މަޖިލީހަށް. ހަމަ ފަޓާސް ބަރިއެއްހެން އަޅުގަނޑުގެ ނަން ނެގީ މަޖިލީހުން. އަޅުގަނޑަށް ނޭނގޭ އަޅުގަނޑުގެ ނަން އަނބުރާ ނެންގެވީ ކީއްވެ ކަމެއް
ނީޒާ އިމާދު

ނަން އަނބުރާ ނެގުމަށް ސީދާ ކޮން ސަބަބެއް ނޭނގޭ ކަމަށް ވިދާޅުވި ނަމަވެސް ނީޒާ ވިދާޅުވީ އޭނާ އަކީ އެމްއެމްއޭގެ މައުލޫމާތު ލީކު ކުރާ ކަމަށާއި އޭރު ސަރުކާރާއި އިދިކޮޅު ފަރާތެއްކަމަށް ބޭރުތެރެއިން އަޑުތައް އިވުނު ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ފަހުން އޭނާގެ ނަން އަނބުރާ ނެގީ އޭނާ އަކީ ރައީސް ޔާމީންގެ އެކައުންޓް ކޮޅާ މީހަކަށް ވުމުން ނަން އަނބުރާ ނެގުމަށް އެންގީކަމަށް ވެސް އަޑުތައް އިވުނު ކަމަށެވެ. ނަމަވެސް ރަސްމީކޮށް އޭނާގެ ނަން އަނބުރާ ގެންދެވުނު ގޮތެއް ނޭނގޭކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބޭރުތެރެއިން އަޅުގަޑަށް އަޑު އިވުނީ އަޅުގަނޑު އެމްއެމްއޭގެ މައުލޫމާތު ލީކު ކުރަނީއޭ، އަޅުގަނޑަކީ އޭރު އޮޕޮޒިޝަން އަށް އެލައިންވާ މީހެކޭ، ދެން އިސްތިއުފާ ދިން ފަހުން އަޅުގަނޑަށް އެނގުނީ އަޅުގަނޑަކީ ރައީސް ޔާމީންގެ އެކައުންޓު ކޮޅާ މީހެކޭ. އޮފިޝަލް ހައިސިއްޔަތުން އަޅުގަނޑުގެ ނަން އަނބުރާ ގެންދެވުނު ގޮތެއް ނޭނގޭ
ނީޒާ އިމާދު

އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވުމަށްފަހު ނީޒާ އިސްތިއުފާ ދެއްވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނީޒާއަކީ މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް