ހުކުމެއްނެތި ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް އިންސާފު ހޯދުމަށް ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް 43 ދުވަސްވެފައިވީ ނަމަވެސް ސަރުކާރުން މިމައްސަލާގައި އިހުމާލުވަމުންދާ ކަމަށްބުނެ އައިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޔާސިރުގެ އާއިލާއިން ބުނީ އޭނާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އެއްވެސް ހުކުމެއްނެތި ޖަލަށް ލާފައިވާތާ 2 އަހަރާއި 4 މަސް ވެފައިވާއިރު، ޖަލުގައި ތަހައްމަލު ކުރަމުންދާ އަނިޔާއާއި ލާއިންސާނީ އަމަލުތައްހުއްޓުމެއް ނައިސް، ސަރުކާރުގެ އެއްވެސް އިދާރާއަކުން މިމައްސަލައަށް ހައްލެއް ލިބޭގޮތް ނުވުމާއި ހައްލެއް ހޯދުމަށް މަސައްކަތެއް ކޮށްދެވިފައި ނުވުމުގެ ސަބަބުން އެކަމުގެ ހައްލެއް ހޯދުމުގެ ގޮތުން 2019 ޖޫން 26 ވަނަ ދުވަހުން ފެށިގެންދަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާޅު ކުރަމުން ކަމަށެވެ.
އާއިލާއިން ބުނީ މިބަނޑުހައިހޫނުކަމުގެ ހުޅުތާލަށް އޮގަސްޓް 07 ވަނަ ދުވަހަށް 43 ދުވަސް ވެފައިވާއިރު ޔާސިރުގެ ސިއްހީ ހާލަތުވަނީ ވަރަށް ގޯސްވެފައިވާ ކަމަށެވެ. އަދި މިހަޅުތާލުގެ ސަބަބުން ހާލުދެރަވެ، އޮގަސްޓް 02 ވަނަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލްގައި ޔާސިރު އެޑްމިޓްކޮށް ގިނަ އަދަދެއްގެ އައިވީ ގުޅާފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަދިވެސް މިމައްސަލައަށް ހައްލެއް ހޯއްދަވަން ނޫޅުއްވާ ކަމާއި، އަދި މިގޮތަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ މިއަދަށް 05 ދުވަސް ވެފައިވާއިރު ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެޗްއާރްސީއެމް ފިޔަވާ އެހެން އެއްވެސް އިދާރާއަކުން އަހަންމިއްޔަތު ކަމެއް ދީފައިވާ ނުވާ ކަމަށް އާއިލާއިން ބުނެއެވެ. އަދި އެއިދާރާގެ ޓީމަށް ވެސް ޔާސިރުއާ ބައްދަލުކުރުމަށް ވެސް ދަތިވިކަން ވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
އާއިލާއިން ބުނީ ޔާސިރު ހޮސްޕިޓަލުގައި އެޑްމިޓްކުރިފަހުން، 05 ދުވަސް ތެރޭގައި ޖަވާބެއްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވަނީ ނަމަވެސް އެއްވެސް ޚަބަރެއް މިއަދާ ހަމައަށް ލިބިފައިނުވާތީ، ބުދަ ދުވަހުން ފެށިގެން އައިވީ ގުޅުމަށް ނުރުހޭ ކަމަށް ޔާސިރު ވަނީ ޑޮކްޓަރު ކައިރީގައި ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން އާއިލާއިން ބުނީ ކާތަކެތިން ހަށިގަނޑަށް ލިބެންޖެހޭ މާއްދާތައް ނުލިބުމުގެ ސަބަބުން، މަސްލް މާސް ދަށްވެ ޔާސިރުގެ ފުރާނައަށް ނުރައްކާވާކަން ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
މިމައުލޫމާތު ހޯމް މިނިސްޓްރީ އަށާއި، އިމިގްރޭޝަނަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް އަންގާފައިވާ އާއިލާއިން ބުންޏެވެ.
ކަންމިހެން އޮތްއިރު އަދި ޔާސިރުގެ މެންޓަލް ސްޓޭޓް މިފަދަ ހާލަތެއްގައި ވަނިކޮށް އަދި އާއިލާއިން ވެސް މިފަދަ ހިތާމަވެރި ކަމެއް ތަހައްމަލް ކުރަމުންދާ ވަގުތެއްގައި އަދި އާއިލާއަށް ޔާސިރުގެ އެއްވެސް ކަމެއްގައި އެއްވެސް ބާރެއް ދީފައިނުވާ ވަގުތެއްގައި ޔާސިރު މިފަދަ ނިންމުމެއް ނިންމުމަކީ އާއިލާ އެކަމާ ނިހާޔަތަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް.އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނީ ޔާސިރު ބަންދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ދެމުންގެންދާ އަނިޔާއާއި ލާއިންސާނީ އަމަލުތަކުން ސަރުކާރުގެ އިދާރާތަކުން ނިކަމެތި ރައްޔިތުންނަށް ގާނޫނީ ގޮތުންނާއި، އިންސާނީ ހަމަތަކުގެ މަތިން ލިބެންޖެހޭ ހައްގުތައް ނިގުޅައިގަތުންކަން އަދި އިންސާފާއި ހަމަހަމަކަމަކީ ހަމައެކަނި ވަކި ލެވެލްއެއްގެ ބަޔަކަށް މިގައުމުގައި ލިބޭ އެއްޗެއްކަން ސާބިތުކޮށްދޭ ކަމަށެވެ. އަދި މިމައްސަލާގެ ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމާމެދު އުންމީދު ނުކުރާނެ ކަމަށް ވެސް އާއިލާއިން ބުންޏެވެ.