ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފިލްޑަރ ކްރިސްޓިއަން އެރިކްސަން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން މަޑުޖައްސާލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބީބީސީ ސްޕޯޓްއިން ބުނީ، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެރިކްސަން ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ ޔުނައިޓެޑުން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
އެގޮތުން އެ ނޫހުން ބުނީ، އެރިކްސަން ބޭނުންވަނީ ޔުނައިޓެޑަށް ބަދަލުވުމުގެ ބަދަލުގައި ސްޕެއިންގެ ކްލަބަކަށް ބަދަލުވާން ކަމަށެވެ. މިހެން ރިޕޯޓްތައް ބުނެފައިވާއިރު، އެރިކްސަން ހޯދަން ސްޕެއިންގެ ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޓޮޓެންހަމްއާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނަށް ފަހު ހަމަވާއިރު، އޭނާ ހޯދުމަށް ޔުނައިޓެޑު އަދި ރެއާލްގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ޖަރުމަންގެ ކްލަބްތައްވެސް ހިމެނެއެވެ.
އަޔެކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 271 މެޗުގައި 65 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.
މީގެ އިތުރުން ހަތަރު ފަހަރު ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓީމަށް ކުޅުނު 87 މެޗުގައި 26 ލަނޑު ކާމިޔާބު ކޮށްފައެވެ.