ކ. މާލެ
|
6 އޯގަސްޓް 2019 | އަންގާރަ 18:45
ޕައުލޯ ޑިބާލާ
ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޕައުލޯ ޑިބާލާ
ޑިބާލާ ހޯދަން ކުރި މަސައްކަތް ޔުނައިޓެޑުން ހުއްޓާލައިފި
ޑިބާލާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ކުރަމުންދިޔަ މަސައްކަތް އެ ކްލަބްއިން ހުއްޓާލައިފިއެވެ.

ޔުނައިޓެޑުން މަސައްކަތް ކުރަމުންދިޔައީ އެޓީމަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ރޮމެލޫ ލުކާކޫ ޔުވެންޓަސްއަށް ދިނުމަށްފަހު ޑިބާލާ ހޯދުމަށެވެ. ޔުނައިޓެޑަށް އޭނާ ބަދަލުވެދާނެކަމާމެދު އެކްލަބައިން ޝައްކުކުރިއިރު ޑިބާލާގެ މުސާރަ ބޮޑުވުމުގެ ގޮންޖެހުން ވެސް ޔުނައިޓެޑަށް ކުރިމަތިވިއެވެ.

އެގޮތުން ހަފްތާއަކު 350000 ޕައުންޑް ލިބޭ ގޮތަށް ޔުނައިޓެޑަށް ދިޔުމަށް ޑިބާލާ ހުރީ ތައްޔާރަށް ކަމަށް އޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދުމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުންވާއިރު ޑިބާލާ ހޯދުމަށް އިތުރަށް ކުރެވޭ މަސައްކަތަކީ ކޯޗުގެ އަމާޒާ ދުރަށް ކުރެވޭ ދަތުރެއް ކަމަށް ޔުނައިޓެޑްގެ މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމު ކޮޅަށް ލަނޑު ޖެހީ ވެސް ޑިބާލާއެވެ.

ރޮމެލޫ ލުކާކޫގެ ކުރިމަގާ މެދު ވަކި ގޮތެއް ނިންމާފައިނުވާއިރު ބެލެވޭ ގޮތުން އައު ފޯވާޑެއް ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަމުން ދަނީ އޭނާ ވިއްކާލުމަށެވެ. މިދިޔަ މަހުގެ ތެރޭގައި އިންޓަ މިލާނުން ލުކާކޫ ހޯދުމަށް ހުށަހެޅި 60 މިލިއަން ޕައުންޑްގެ ބިޑު ޔުނައިޓެޑުން ވަނީ އަނބުރާ ފޮނުވާލާފައެވެ. ލުކާކޫ ވިއްކާލުމަށްފަހު ޔުނައިޓެޑުން ބޭނުންވަނީ އިތުބާރު ހިފޭ ފޯވާޑެއްގެ ސޮއި ހޯދުމަށެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު އުމުރުން 25 އަހަރުގެ ޑިބާލާ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އާއި އިންޓަ މިލާންވެސް ހިމެނެއެވެ.

ޔުވެންޓަސްއާ އެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާ ހުރީ އެހެން ކްލަބަކަށް ބަދަލުވާން ތައްޔާރަށެވެ.

ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 191 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކްލަބާ އެކު ތިން އިޓާލިއަން ލީގު، ތިން ކޮޕާ އިޓަލިއާ އަދި އެއް އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ގައުމީ ޓީމަށް 24 މެޗު ކުޅެފައިވާ ޑިބާލާ ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް