މިއަހަރުގެ އަޟްހާ އީދު ނަމާދު އޮންނާނީ ބޮޑު ޖަމާއަތުގައި ސްޑޭޓިއަމް ސަރަހައްދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ނައިބު އަހުމަދުﷲ ޖަމީލު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މާލޭ ސިޓީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލޭ ސްޓޭޑިއަމް ސަރަހައްދުގައި ތިން ޓާފް ދަނޑެއް އޮންނައިރު އެތަނުން ދެ ދަނޑު ހާއްސަ ކުރެވިފައި ވަނީ ފިރިހެނުންނަށް ކަމަށާއި އެންމެ ފަހުން ޓާފް އެޅި ދަނޑު އަންހެނުންނަށް ޚާއްސަކުރެވިފައިވާ ކަމަށް އަހުމަދުﷲ ވިދާޅުވިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި އަހުމަދުﷲ ވިދާޅުވީ އެސަރަހައްދަށް ފަސޭހައިން ވަދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެހީތެރިވެދޭނެ ވަރަށް ގިނަ ފަރާތްތައް އެސަރަހައްދުގައި އުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަހުމަދުﷲ ވިދާޅުވީ ބޮޑު އީދު ނަމާދު ހުޅުމާލޭގައި ވެސް ސްޓޭޑިއަމުގައި ކުރަން ނިންމާފައިވާ ކަމަށާއި، އެޗްޑީސީއާއެކު އެ ތައްޔާރީތައް ކުރަމުން އަންނަ ކަމަށެވެ. އަދި ވިލިމާލޭގައި ވެސް ފުޓްބޯޅަ ދަނޑުގައި ޖަމާއަތުގައި ދީނު ނަމާދު ކުރާ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދުﷲ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށް 10 ރަށުން ހުށަހަޅާފައިވާ ކަމަށާއި، އެމަސައްކަތް ކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރުމަށް ނިންމާފައިވާއިރު، ފިތުރު އީދު ނަމާދު ވެސް ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމިއެވެ. ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން ކެންސަލް ކުރިއެވެ. މިއަދުގެ ވެސް އަޟްހާ އީދުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ބަލާނެ ކަމަށާއި، މޫސުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.