"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" މުޢާހަދާގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ފާސްކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިމުއާހަދާގައި ސޮއިކުރުމަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި މުޢާހަދާއަކީ މުއާހަދާގައި ބައިވެރިވާ ޤައުމުތަކުން މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، ބަލައިގަނެ އެޤައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމަށް އެއް އުޞޫލުތަކަކާއި އިންތިޒާމުތަކެއް ޤާއިމުކުރުމަށްޓަކާ އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެކެވެ.
މި މުއާހަދާއާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބްގެ އޮފީހުން ބުނީ މި މުއާހަދާގައި މިހާރުން މިހާރަށް ސޮއިކުރި ނަމަވެސް ރައްޔިތުންގެ މައްޗަށް އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި މި މުއާހަދާގައި ސޮއިކުރިނަމަވެސް ދިވެހިރާއްޖެއިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށެވެ.
"މި މުއާހަދާއަކީ ދިވެހިރާއްޖެއިން އަމަލުކުރާނެ ގޮތުގެ ރިޕޯޓެއް ޔޫއެންއަށް ހުށަހަޅަން ޖެހޭ މުއާހަދާއެއްވެސް ނޫން. އެކަން ސާފުކޮށްދެން. މި މުއާހަދާގައި ސޮއިކުރީމާ އަންނަ ތަފާތަކީ އަޅުގަނޑުމެން މި އިންޓެންޝަން މި ޝޯކުރަނީ އަޅުގަނޑުމެން މި މުއާހަދާގައި ބައިވެރިވުމަށް ޝައުގުވެރިވާކަމަށް. އިތުރުއެއްވެސް ޤާނޫނީ އިލްތިޒާމެއް ދިވެހިރާއްޖޭގެ މައްޗަކަށް ނޯންނާނެ" އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި މުޢާޙަދާއަކީ 20 ޑިސެންބަރު 2018 ގައި އދ ގެ އާންމު މަޖިލީހުން ބަލައިގެންފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ 7 އޯގަސްޓް 2019 ވަނަ ދުވަހު ސިންގަޕޫރުގައެވެ.
އޮގަސްޓް 7 ގައި މި މުއާހަދާގައި ސޮއިކުރުމަށް ގަސްތުކޮށްފައިވަނީ މި މުއާހަދާއަކީ ދިވެހިރާއްޖެއިންވެސް ބައިވެރިވުން މުހިއްމު މުއާހަދާއެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.
އެއަށްފަހު އެންމެ އިސްކަމެއް ދެއްވާނީ މިހާރު ދިވެހިރާއްޖޭގައި އެކުލަވާލެވިފައިހުރި މި މުއާހަދާއާއި ގުޅޭ ހުރިހާ ޤާނޫނުތަކެއް މުރާޖާކޮށް އަދި މީޑިއޭޝަނާއި ބެހޭ ވަކި ޤާނޫނެއް އެކުލަވާލުމުގެ ހުރިހާ މަސައްކަތްތަކެއް ބަންޑާރަނައިބްގެ އޮފީހުން ކަމާއި ގުޅޭ މިނިސްޓްރީތަކާއި ގުޅިގެން ކުރުން ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.