ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާއި އެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބައް ލީގު ތާވަލުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.
ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ޓީސީ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ބިމާލް ގާތީ އެވެ.
އަވަސް ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ދެވަނަ ހާފް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަލާ އަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ. އެގޮތުން ދަ ގްރާންޑޭ ވަނީ ޓީސީ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެވަނަ ހާފުގައި އުފައްދައިފައެވެ. މެޗުގައި ދަ ގްރާންޑޭ އިން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޮބައިދާއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެގެން ދިޔައީ ދަ ގްރާންޑޭގެ އަޔާޒްއެވެ.
މި ނަތީޖާއާއި އެކު ދަ ގްރާންޑޭ އޮތީ ލިބުނު 13 ޕޮއިންޓާއިއެކު ލީގު ތާވަލުގެ ދެވަނައިގައެވެ.