Advertisement
ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 23:06
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު
ރާއްޖެއެމްވީ
ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް
އެސްކްރޯ އެކައުންޓާއި މެދު ގޮތް ކަނޑަނޭޅުނީ ޔާމީން ޖަމާކުރީ ޖަމާކުރަންޖެހޭ ފައިސާއަށް ނުވުމުން: މުއައްވިޒު
އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކުރެއްވީ މޫސާ ޒަމީރުގެ ފައިސާ
އޭސީސީން ޔާމީނާ ސުވާލުކުރީ ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ނޫން
ދިމާވި ޗެލެޖެންސްތަކާ އެކީ ގައި ކޯޓު އަމުރަކަށް ދާން ކޮމިޝަނުން ނުނިންމާ

އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯ އެއް އަހަރު ތެރޭގައި އޭސީސީން ކަނޑައަޅަން ޖެހޭނެ ކަމަށް އެސްކްރޯ އެއްބަސްވުމުގައި އޮތް ނަމަވެސް އެގޮތަށް ކަނޑަނޭޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ އެކައުންޓަށް ޖަމާކުރެއްވީ އެއްބަސްވުމުގައިވާ ފައިސާއަށް ނުވާތީ ކަމަށް އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މުއައްވިޒު ވަނީ އާދީއްތަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ދެއްވާފަ އެވެ.

Advertisement

ޝަރީއަތުގެ މަޖިލީހުގައި އެސްކްރޯ އެކައުންޓަށް އަދިވެސް އޭސީސީއިން ގޮތެއް ނުނިންމަނީ ކީއްވެގެންތޯ ރައީސް ޔާމީން އެއްސެވުމުން މުއައްވިޒު ވިދާޅުވީ އެއްބަސްވުމުގައި ވާނީ ވަކި ފައިސާއެއް އެއެކައުންޓަށް ޖަމާކުރަން ކަމަށާއި ޖަމާކުރަން ޖެހޭނީ އެސްއޯއެފްއިން ޖަމާކުރި ފައިސާ ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ޖަމާކުރެއްވީ އެހެން ފައިސާއެއް ކަމަށެވެ. އެސްކްރޯ އެކައުންޓަށް ޖަމާވާން ޖެހެނީ ކޮން ފައިސާއެއް ކަން އެއްބަސްވުމުގައި އެބައޮތް ކަމަށާއި މިއަހަރުގެ މާޗްމަހުގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް އެ އެއްބަސްވުމުގައި އޮތް ނަމަވެސް ގޮތް ކަނޑަނޭޅީ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ނޫން އެހެން ފައިސާއެއް އެ އެކައުންޓަށް ޖަމާކުރުމުން ކަމަށް ވިދާޅުވިއެވެ. އަދި އެކަން ރައީސް ޔާމީނަށް ވެސް އަންގަވާފައިވާނެ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އެއަށް ގޮތެއް އަޅުގަނޑުމެންނަށް ނުނިމިގެން ދިޔައީ އެއްބަސްވުމުގެ ތިންވަނަ މާއްދާގައި ތި ފާހަގަ ކުރި ތިންވަނަ މާއްދާގައި ފާހަގަ ކުރާ ފައިސާއެއްނޫން އެސްކްރޯ އެކައުންޓަށް ޖަމާވެގެން ދިޔައީ. ހަމައެއާއެކު އަޅުގަނޑު ކުރިން ފާހަގަކުރިހެން އެމްއެމްއޭގެ އެފްއައިޔޫގައި އަޅުގަނޑުމެންގެ ސަމާލު ކަމަށް ގެނައި މައްސަލައާއި ގުޅިގެން އިތުރު ކަންތައްތަކެއް ފާހަގަ ކުރެވިގެން އެމައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާތީއާއި އެކީގައި ހަމަ އެހެންމެ އެސްކްރޯ އެކައުންޓުގެ އެއްބަސްވުމާއި އެކީގައި ފައިސާ ޖަމާވެފައިވަނީ އެގޮތަށް ނޫން ކަމަށް ވާތީ އެމައްސަލައިގައި ގޮތެއް ނުނިމި ވާކަމަށް އަޅުގަނޑުމެން ވާނީ ލިޔުމަކުން ވެސް ދައުވާ ރައްދުވާ ފަރާތަށް އަންގާފައި.
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު

ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް އެކައުންޓުން ދެފަހަރެއްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައި ވެއެވެ. އެކަމުގައި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާއިރު އެފައިސާ އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވުން ހަދާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެއެވެ. ދައުލަތުން ބުނެފައިވަނީ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ރައީސް ޔާމީން 36 މަސް ދުވަހަށް އިންވެސްޓުކޮށް ފައިދާ ހޯއްދަވާފައިވާ ކަން ހާމަވާކަމަށެވެ.

ޝަރީއަތުގައި ހެކިބަސް ދެއްވަމުން މުއައްވިޒު ވިދާޅުވީ އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާއި ބެހޭގޮތުން އެމަނިކުފާނާއި އެ ކޮމިޝަނުން ސުވާލު ކުރި ކަމަށާއި އެފައިސާ އަކީ ސިޔާސީ ކަންކަމަށް ޚަރަދު ކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލު ކޮށްފައިވާ ފައިސާކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެކޮމިޝަނަށް ފެންނާތީ ފައިސާ ހަވާލުކުރަން ރައީސް ޔާމީންގެ ކިބައިން އެދުނު ކަމަށް ވިދާޅުވިއެވެ. އަދި އެސްކްރޯ އެކައުންޓެއް ޔާމީނާއި އެކޮމިޝަނާއި ދެމެދު ހަދަން ނިންމީ އެމަނިކުފާނުގެ އެދިލެއްވުމަށް ކަމަށާއި ނަމަވެސް އެކައުންޓަށް ޖަމާކުރެއްވީ އެހެން ފައިސާއެއް ކަމަށް މުއައްވިޒު ވިދާޅުވިއެވެ. އެކަން އެނގުނީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެކަމުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތީރިޓީ(އެމްއެމްއޭ) އިން އެކޮމިޝަނަށް ފޮނުވުމުން އެކޮމިޝަނުން އިތުރަށް ބެލިބެލުމުން ކަމަށް ވިދާޅުވިއެވެ.

އަދި ބެލިބެލުމުން އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެސްއޯއެފްގެ ފައިސާ ނޫންކަމާއި ޖަމާކޮށްފައިވަނީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރކަން ކުރެއްވި މޫސާ ޒަމީރުގެ އެކައުންޓުން ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އެކައުންޓަކަށް ފޮނުވި އެއް މިލިއަން ޑޮލަރުކަން އެނގިފައިވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

މި ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްގެ ފައިސާ ހުރީ އެމްއައިބީގައި ކަމަށާއި އޭސީސީއިން ބޭނުންވީ އެސްކްރޯ އެކައުންޓް ބީއެމްއެލްގައި ހުޅުވަން ކަމަށެވެ. އަދި އޭސީސީގެ އެސްކްރޯ އެކައުންޓަށް އެމްއައިބީގެ އެކައުންޓެއްގެ ފައިސާ ލިބޭނެކަން ގަބޫލު ކުރައްވަންތޯ މުއައްވިޒާއި ސުވާލު ކުރެއްވިއެވެ. މުއައްވިޒު ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމް އޮތްގޮތުން އެހެން ބޭންކެއްގައި ހުންނަ ފައިސާ އެހެން ބޭންކްތަކަށް ޓްރާންސްފަރ ކުރެވޭނެ ކަމަށެވެ.

އޭސީސީން ބޭނުމެއް ނުވޭ އެސްކްރޯ އެކައުންޓް އެމްއައިބީގައި ހުޅުވާކަށް. އޭސީސީގެ އެސްކްރޯ އެކައުންޓް އެމްއައިބީގައި ހުޅުވި ނަމަ ރައީސް ޔާމީންގެ އެމްއައިބީ އެކައުންޓުން އޭސީސީގެ އެސްކްރޯ އެކައުންޓަށް އެމްއައިބީގެ އެކައުންޓަށް މިފައިސާ ލިބޭނެ ކަން ގަބޫލު ކުރައްވަންތޯ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އަޅުގަނޑު ގަބޫލު ކުރަނީ ކޮންމެ އެކައުންޓެއް ވެސް ރާއްޖޭގެ ބޭންކިން ނިޒާމު އޮތް ގޮތުން އެހެން ބޭންކުގައި ހުންނަ ފައިސާ ވެސް އެހެން ބޭންކަކަށް ޓްރާންސްފަރ ކުރެވޭނެ ކަމަށް.
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު

އެސްއޯއެފްގެ ފައިސާތައް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އޭސީސީއިން ބަލަން ފެށި ކަމަށާއި އަދި ރައީސް އޮފީހަށް ވަޑައިގެން އެމަނިކުފާނާއި އެކީގައި ވަކި ކޮޓަރިއެއްގައި އޭނާއާއި އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ ބައްދަލު ކުރެއްވި ކަމަށް މުއައްވިޒު ވިދާޅުވިއެވެ. ޔާމީނާއި ސުވާލު ކުރީ މައުލޫމާތު ސާފުކުރުމަށް ކަމަށާއި ރައީސް އޮފީހަށް ވަޑައިގެންނެވީ ވަކި ލެވެލްއެއްގެ ބޭފުޅުންނާއި ބައްދަލުކުރަން ދަނީ އޭސީސީއިން ކަމަށްވުމުން ކަމަށްވެފައި އެއީ އެކޮމިޝަނުން އަމަލުކުރަމުންދާ އުސޫލު ކަމަށްވާތީ ކަމަށެވެ. އެ ބައްދަލުވުމުގައި ރެކޯޑް ނުކުރެވޭނެކަމަށް ކަނޑައެޅީ ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަޔާން ޑްރާފްޓް ކުރުމުގައި ކަން ހިނގާފައިވަނީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް އެމަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ބޭނުންވެލެއްވި ގޮތަށެވެ. ނަމަވެސް އޭސީސީއިން އެ ޑްރާފްޓް ފައިނަލް ކުރި ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އެ ބައްދަލުވުމަށް އެއްވެސް ރެކޯޑް ކުރެވޭ އެއްޗެއް ނުވައްދަން އަންގާފަ އޮތީ. އަޅުގަނޑުމެން އަމަލު ކުރާ އުސޫލެއް އެއީ ވަކި ލެވެލެއްގެ ބޭފުޅުންގެ ގާތަށް ގޮސް ބަޔާން ނެގުމަކީ
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު

ޝަރީއަތުގައި މައްސަލަ ބައްލަވާ އިސްގާޒީ ހައިލަމް ވަނީ އެސްކްރޯ އެކައުންޓެއް ހެދުމުގެ ކުރިން އޭސީސީއިން ބަންޑާރަނައިބުގެ ލަފައެއް ހޯދާފައިވާނެތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި މުއައްވިޒު ވިދާޅުވީ އެސްކްރޯ އެއްބަސްވުން ހެދުމުގެ ކުރިން އެފަދަ އަމުރެއް ހޯދާފައި ނޯންނާނެ ކަމަށެވެ. ނަމަވެސް ކޮންމެ މުއައްސަސާއަކުން ވެސް އަމަލު ކުރަންޖެހެނީ ގާނޫނާ އެއްގޮތަށް ކަމަށާއި ގާނޫނާ ޚިލާފް ނުވާ ގޮތަކަށް އެކަން ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ހޯދުމުގެ ބާރު އޭސީސީއަށް ލިބިގެންވާއިރު އެ އަމުރު އޭރު ނުހޯދީ ކީއްވެތޯ ވަކީލުން ސުވާލުކުރުމުން މުއައްވިޒު ވިދާޅުވީ އެއީ އެކޮމިޝަނުން އެގޮތަށް ނިންމާފައި ނެތުމުން ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ކޮމިޝަންގައި މަޝްވަރާ ކުރެވުނު ކަމަށާއި އެމަޝްވަރާގައި އޭރު ފުލުހުން އެފަދަ އަމުރަކަށް އެދުމުން ވެސް ކޯޓު އަމުރު ނުލިބުނު ކަމަށް ފުލުހުން ބުނެފައިވާތީ އެގޮތަށް ނުނިންމީ ކަމަށް ވިދާޅުވިއެވެ.

އާދީއްތަ ދުވަހު އޮތް ޝަރީއަތުގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅުއްވީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. އަދި ކިތާބީ ހެކިތަކުގެ ގޮތުގައި ހުށަހެޅުއްވީ ފުރަތަމަ ހެއްކަކީ މަނީ ލޯންޑްރިންގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެކެވެ. އެނޫސްބަޔާނަކީ އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރެޑައިސް" ރިޕޯޓުގައި ހުރި ކަންކަން ދޮގުކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެވެ. މީގެ އިތުރުން އެމްއެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ހިނގި މުއާމަލާތުތަކާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ވެސް ވަނީ ކިތާބީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށައަޅާފައެވެ.

ދައުލަތުގެ ފަރާތުން ރައީސް ޔާމީނާއި ދެކޮޅަށް ޝަރީއަތުގެ ފުރަތަމަ ދުވަހު ވަނީ ހެކި ހުށައަޅާފައެވެ.

ޝަރީއަތް ފެށުމުން ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަފައީ ހެއްކާއި ކިތާބީ ހެކި ވެސް ހުށައަޅާފައެވެ. ހެކީގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

ކިތާބީ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް